ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުރިއިރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، އޭނާގެ ބައްޕަ ބެހެއްޓި މައްސަލާގައި ދައުލަތުން ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް، ޝިޔާމްގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ޝިޔާމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައުސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އެ ދާއުވާ އުފުލީ ގާނޫނޫލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.

އެ މައްސަލަ އަކީ ކޮރަޕްޝަންގެ ކުށެއް ނެތް ކަމަށް އެންޓި ކޮރަޕްޝަންގެ ކުރީގެ ދައުރުގެ މެމްބަރުން ނިންމާފައިވާ މައްސަލައެކެވެ. އަލުން އެ މައްސަލަ ރިވިއު ކުރީ ޕީޖީ ހުސައިން ޝަމީމް އަންގަވައިގެންނެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރި މައްސަލާގައި ގިނަ ބަޔަކު ވަނީ އެކަމާ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ

ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުންގެ އާއިލާތަކަށް ސިފައިންގޭގެ އެފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮންނާނެ އެވެ.

"ސިފައިންގެ ހިދުމަތަކީ ދައުލަތުގެ އެހެނިހެން ހިދުމަތްތަކާ ތަފާތު އިނާޔަތްތަކަކާ ރައްކާތެރިކަމެއް ލިބިގެންވާ ހިދުމަތެކެވެ. މިއީ މުޅި ދުނިޔޭގައިވެސް މިކަން އޮންނަ އުސޫލެވެ." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިފަދަ "ކުދިކުދި ކަންކަމުގައި" ގައުމުގެ އެންމެ މަތީ ހިދުމަތްތެރިންނަށް މިފަދަ ދައުވާ ކުރުމީ މުޅި ދައުލަތް ރޫޅި، ދައުލަތުގެ ހައިބަތު ކުޑަވާ ކަމެއް ކަމަށެވެ.

އެކަމުގެ މިސާލެއްގެ ގޮތުން އުމަރު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މަޖިލީހުގެ ބަޖެޓުން އަމިއްލަ ހަރަދު ކުރެއްވި މައްސަލަ އެވެ.

މަޖިލިސް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އޭސީސީން އެމަނިކުފާނަށް އެންގި އެވެ. އަދި މަޖިލިސް ރައީސް ވަނީ އެ ފައިސާ ދައްކަވައިފަ އެވެ.

"މިއީ މިފަދަކަންކަން ނިންމަވަން ޖެހޭނެ ގޮތެވެ. ނަމަވެސް ޖެނެރަލް ޝިޔާމް އާއިމެދު މި ނިންމެވީ ދައުވާ ކުރުމަށް ފޮނުއްވުމަށެވެ. މިއީ ހަމަހަމަ ކަން ގެއްލިފައިވާ ބޭއިންސާފު، ސިޔާސީ ނިންމުމެއް ކަން ޔަގީނެވެ." އުމަރު ވިދާޅުވި އެވެ.