އަލަށް އުފަންވާ ދަރިއަކު އެންމެ ފުރަތަމަ ފަހަރަށް އޭނާގެ މަންމަ އުރާލާ ވަގުތަކީ ޖާދުވީ ވަގުތުކޮޅެކެވެ. އުފަންވާހާ އަވަހަކަށް މައިމީހާގެ މެއާމޭ ޖައްސައި ދަރިފުޅު ބޭއްވުމުގެ އާދައެއް ޒަމާނުއްސުރެ އެކި ގައުމުތަކުގައި އޮވެ އެވެ.

ބުނެވޭ ގޮތުގައި އެއީ މައިމީހާއާއި ދަރިފުޅުގެ ގުޅުން އިތުރަށް ވަރުގަދަކުރަން ކުރެވޭ ކަމެކެވެ. އެހެން ނަމަވެސް ސައިންސްގެ އަލީގައި މިހާރު މިވަނީ އުފަންވުމަށްފަހު މައިމީހާއާ މެއާމޭ ޖައްސައި ދަރިފުޅު ބާއްވާ ފުރަތަމަ 60 މިނެޓަކީ ސިއްހީ ގޮތުން ވެސް ދެފަރާތަށް ގިނަ ފައިދާތަކެއް ކުރާ ކަމެއްކަން ހޯދިފަ އެވެ.

އެގޮތުން މިގޮތަށް މައިމީހާއާއެކު ހޭދަވާ އެ އެއް ގަޑިއިރަކީ ދަރިފުޅުގެ ފިނިހޫނުމިން ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ނޭވާ ލުމާއި ހަކުރު ދަށްވުން ވެސް ރަނގަޅު ކޮށްދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

ދަރިފުޅަށް ލިބޭ ފައިދާތަކުގެ އިތުރުން މިކަމުން މައިމީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ކިރު އުފެއްދުން ފަސޭހަ ވުމާއި ހޯމޯންތައް ހަމައަކަށް އެޅުވުމުގެ އިތުރުން މައިމީހާގެ ސްޓްރެސް ވެސް ކުޑަކޮށްދެ އެވެ.

ސައިންސްވެރިންގެ ނަމުންނަމަ "ދަ ގޯލްޑަން އަވާ"ގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ދަރިފުޅު އުފަންވުމާއެކު މައިމީހާގެ މޭ މަތީގައި ބަނޑުވަތަށް ދަރިފުޅު ބާއްވަން ވާނެ އެވެ.

ޒަމާނުއްސުރެ އަހަރުމެން ކުރަމުން އައި މިކަމުގެ ފަހަތުގައިވާ ސައިންޓިފިކް ހަގީގަތަކީ މިއީ އެވެ.