ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދު ވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ލޯކަލް މާކެޓުގައި ކުލަލާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. މި ހަރަކާތުގައި ބޭންކުގެ 200 އެއްހާ މުވައްޒަފުން ބައިވެރިވި އެވެ.

ބީއެމްއެލް އިން މި ހަރަކާތް ހިންގާފައި ވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް އާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށެވެ.

ބީއެމްއެލް އިން ބުނީ މިއީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފުން މާލެ ސާފުކުރުމަށް މިއަދު ހިންގި ހަރަކާތުގެ ތެރެއިން. މާލޭގެ އެކި ސަރަހައްދުތަކުން 8 ޓަނުގެ ކުނި ނަގާފައިވޭ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައި ވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެ ވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލް އިންވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ މުވައްޒަފުން މާލެ ސާފުކުރުމަށް މިއަދު ހިންގި ހަރަކާތުގެ ތެރެއިން. މާލޭގެ އެކި ސަރަހައްދުތަކުން 8 ޓަނުގެ ކުނި ނަގާފައިވޭ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ މާލެއިން ގާތްގަޑަކަށް ޖުމްލަ 8 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި ޕާލޭގެ ޖަމްބޯ ބޭގުގެ 6 ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެ ދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.