ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި، އެއީ ހުޅުމާލޭގެ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅީ ކުލި އަގުބޮޑުވުމުގެ މައްސަލަ އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާގެ އިސް މެންބަރެއް ކަމަށްވާ އަލީ ރިފާއު ބުނީ ހިިޔާގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ތިން ކަމަކާ ބެހޭ ގޮތުން ރައީސާއެކު މަޝްވަރާކުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހިޔާ ޔުނިޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން މިކަމަކީ ސަރުކާރުން މިހާރު ވެސް މަޝްވަރާތައް ކުރިއަށްގެންދާ ކަމެއްކަ މަށް، ރައީސް ވިދާޅުވެފައިވާ ކަމަށް ރިފާއު ބުންޏެވެ.

އެގޮތުން ކުލި ކުޑަކުރުމުން ސަރުކާރުން ވިސާނާފައިވާ ގޮތްތައް ޖަމިއްޔާއާ ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ގޮތަކީ އެޕާޓްމަންޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ނެގި ލޯނުތައް ފުރިހަމަކުރުމަށް، 5 އަހަރުގެ މުއްދަތަކަށް ފްލެޓްތަކުގެ ކުލި ކުޑަކުރުމެވެ. ދެވަނަ ގޮތަކީ ހިޔާ ފްލެޓަށް ކުލި ނުދެއްކޭ، މާލީ ހާލަތު ދަށް އާއިލާތައް ދެނެގަނެ އެފަދަ އާއިލާތަކަށް ކުލި ކުޑަކޮށްދިނުމެވެ. އަދި 3 ވަނަ ގޮތަކީ މި މަޝްރޫއުގެ ލޯނު ސަރުކާރުން ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ 25 އަހަރު، 30 އަހަރަށް އިތުރުކޮށް، ފްލެޓްތަކުގެ ކުލި އެންމެންނަށް ކުޑަކޮށްދިނުމެވެ.

"ރައީސް ދެއްވި ޔަގީން ކަމަކީ މި ތިން އޮޕްޝަނާއެކު، ރައީސް ބާއްވާ ކޮމެޓީއާއެކު ބައްދަލުކުރެއްވުމަށް ފަހު، އެ ބޭފުޅުންނާ މަޝްވަރާކޮށްފައި، އެ ބޭފުޅުންގެ ނިންމެވުންތަކާއެކު އަދި އެއް ފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާނެ ކަމަށް. އަދި ރަސްމީކޮށް ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް،" ރިފާއު ވިދާޅުވި އެވެ.

ޖަމިއްޔާއިން ބުނީ ހިޔާ 16 ޓަވަރުގެ ހުރިހާ އެޕާޓްމަންޓަކުން ވެސް އެއް ހަމައަށް ކުލި ކުޑަކުރެވޭނެ ގޮތެއްވުމަކީ އެ ޖަމިއްޔާއިން ބޭނުންވާ ގޮތް ކަމަށެވެ.

ހިޔާ މަޝްރޫޢުގައި މުޅިން ވެސް ހިމެނެނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މެއިންޓަނަންސް ފީ ހިމެނޭހެން ކޮންމެ މަހަކު، ކުލީގެ ގޮތުގައި 8500 ރުފިޔާ ދައްކަންޖެހެ އެވެ.

ޔުނިއަންއިން ބުނެފައިވަނީ ސަރުކާރުން މީގެ ކުރިން ސޯޝަލް ހައުސިންއަށް ދޫކޮށްފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި ވެސް މިއަށް ވުރެ ކުޑަ ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެ ހައްގު، ހިޔާގެ ރައްޔިތުންނަށް ވެސް ހޯދައިދިނުން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

"ހިޔާ ރައްޔިތުންގެ ގުޅުން" ޖަމުއިއްޔާއިން ބުނީ ކުލި ކުޑަކުރެވުމާއެކު ކުލި ދައްކާ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށެވެ. އަދި އެކަމަށް ޖަމިއްޔާއިން ވެސް ބާރުއަޅާ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ހިޔާގެ ފެން ބިލްތަކަށް ސަބްސިޑީ ހޯދުމަށް ވެސް މަޝްވަރާކުރި އެެވެ. ފްލެޓްތަކުގައި ފާހާނާ ފްލަޝްކުރުމަށް ވެސް ބޭނުންކުރަނީ އެމްޑަބްލިއުއެސްސީގެ ސަޕްލައި ފެންކަމުން، ބިލްތަކަށް ދައްކަން ޖެހޭ އަދަދު އެތައް ގުނައެއް ބޮޑުކަން ޖަމުއިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

ހިޔާ ފްލެޓްގެ މީހުންގެ ޖަމިއްޔާގެ އިސް މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކުރެއްވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފަށަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.