ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޖިނާއީ މައްސަލަތައް ބަލަން އުފައްދާފައިވާ ހާއްސަ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ މަގާމު ފުރުއްވި އަހުމަދު ޝަކީލް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ކުރިމަތިލެވޭނީ އެކޯޓުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރަކަށެވެ. އިސް ފަނޑިޔާރުކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާ ބޭފުޅުން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ. މި މަގާމަށް ކުރިމަތިލުމުގެ އެންމެފަހު ދުވަހަކީ އަންނަ މަހުގެ ތިން ވަނަ ދުވަހެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ މުސާރައަކީ 49،300 ރުފިޔާ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ އިތުރުން އެކޯޓުގެ ގާޒީގެ މަގާމަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ހުޅުވާލާފަ އެވެ. މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ.

ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށްވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހު ތަޖުރިބާ ހުރުމަކީ ވެސް މި މަގާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއެކު މަހެއްގެ މައްޗަށް 48،300 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސް ވެސް ލިބެ އެވެ.