ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުއްވުމުގެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ރޭ ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކުމަށް ކަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ރޭ މެމްބަރު ޝިޔާމް ހައްޔަރުކުރީ ކޮފީއެއް ބައްލަވަގެން ޕީޕީއެމް އޮފީސް ކައިރީހުރި ރެސްޓޯރެންޓަކުން ނުކުމެވަޑައިގަންނަވަނިކޮށެވެ.

މިކަމާގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގައިވަނީ ފުލުހުންގެ މުއައްސަސާ ފެއިލްވުމުން އެކަން ފޮރުވާ ޒިންމާއިން ރެކުމަށް ބަހަނާ ދައްކާ، ޝިޔާމު ހައްޔަރު ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ. ރޭގެ ސުލްހަވެރި އިހުތިޖާޖު ލީޑުކޮށް ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ޖިނާއީ ކުށުގެ ޓެގް އަޅުވާ ޝިޔާމު ހައްޔަރުކުރުން ބަލައިނުގަންނަ ކަމަށްވެސް އިދިކޮޅުން ބުނެ އެވެ.

"ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ނާއިބު ރައީސް ޝިޔާމު އެސަރަހައްދުގައިވެސް ނެތް ވަގުތަކަށްވާއިރު، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް އެމަނިކުފާނު ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއެއްކަށް ނޫނީ ނުވާނެ،" އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އިދިކޮޅުންވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ.

އިހުތިޖާޖު ނިންމާލުމަށް އިހުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސްގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ރޭވިގެން ހިންގި އަމަލެއްގެ ގޮތުގައި އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. އެހެން ނޫންނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުން ނުވަތަ އެ ދެ މުއައްސަސާ އެންމެ މަތިން ފެށިގެން ފެއިލް ވެފައިވާ ކަމުގެ އަލާމާތެއް ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ޕީޕީއެމުން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއަށް ރައީސް އިބްރާހީމް މޮޓޯކޭޑު ވެއްދުމުން ހުރަސްއަޅައި ހިނގި ކަންތަކާ ގުޅިގެން ރޭ ޝިޔާމާއެކު 21 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ރޭ މެންދަމުން އަލިވި ފަހުން ފުލުހުންވަނީ ޝިޔާމު ބަންދުން ދޫކޮށްލާފަ އެވެ.