ވޭޕް ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބަދަލުގައި ކުރުން ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެގޮތުގެ މަތިން ސިނގިރޭޓު ބުއިން ހުއްޓާލައި ވޭޕް ކުރަން ފަށާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅެ އެވެ.

އެހެން ނަމަވެސް ވޭޕް ކުރުމުން ލިބޭ ގެއްލުންތައް ވެސް ވަކި ކުޑަ ނޫންކަމަށް މާހިރުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ. އެކަމުގެ ހެކިތައް ވެސް ދަނީ ފެންނަމުންނެވެ.

އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ އެމެންޑާ ހޯލްސްއަކީ ވަރަށް ގަދައަށް ދުންފަތުގެ އިސްތިއުމާލުކުރި އަންހެނެކެވެ. އެހެން ނަމަވެސް އުމުރުން ދޮށިވުމާއެކު އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ފެނުނީ ސިނގިރޭޓު ދޫކޮށް ވޭޕް ކުރަން ފަށާށެވެ.

އެހެން ކަމުން އޭނާ ސިނގިރޭޓު ބުއިން ހުއްޓާލައި ފްރުޓް ފްލޭވާޑް ވޭޕް ބޭނުން ކުރަން ފެށި އެވެ. ފެންނަ ފެނުމަށް ސިނގިރޭޓަށްވުރެ އެތައް ގުނައެއް ރަނގަޅެވެ.

ދެންވީ ކިހިނެއް ހެއްޔެވެ؟ އުމުރުން 44 އަހަރުގެ އެމެންޑާއަށް ފުއްޕާމޭގެ ކެންސަރު ޖެހޭކަށް މާ ގިނަ ދުވަހެއް ނުވި އެވެ. އެ ވޭނުގައި މާ ގިނަ ދުވަހެއް ނުވެ ފުރާނަ ވެސް ދިޔައީ އެވެ.

ފައިދާހުރި ގޮތް ކަމަށް ހީކޮށްގެން ކުރެވުނު ކަމަކުން އޭނާގެ ފުރާނައަށް ވެސް ނުރައްކާވީ އެވެ. ލޯބިވާ އާއިލާއާއި ރައްޓެހިންނާ ވެސް ދުރުވާން ޖެހުނީ އެވެ.

މިކަމުން ވެސް އެނގޭ ކަމަކީ ވޭޕް ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށްވުރެ ވަކި ރަނގަޅު ކަމެއް ނޫން ކަމެވެ. ސިނގިރޭޓުން ލިބޭ ގެއްލުންތައް ވޭޕުން ވެސް ލިބޭ ކަމެވެ.