އޮންލައިން ސްޓްރީމިން ސާވިސްއެއް ކަމަށްވާ ސްޕޮޓިފައި އިން މުސްލިމުންގެ ރަމަޟާން މަހާ ގުޅުވައިގެން ހާއްސަ ކޮންޓެންޓް ތަކެއް ނެރެފި އެވެ.

އެގޮތުން ރޯދަ މަހުގެ ޕްލޭ ލިސްޓުތަކުގައި ގުރުއާނުގެ ރެކޯޑިންތަކުގެ އިތުރުން ކައްކާ ޝޯވްތަކާއި އެނޫންވެސް މި މަހުގެ ސަގާފަތްތަކާ ގުޅޭ ޕްރޮގްރާމްތައް ހިމެނޭނެ އެވެ.

އޭގެ އިތުރުން ދީނީ ދަރުސްތަކާއި ދުވަހުގެ ގަޑިއާ ގުޅޭގޮތުން ދުއާތައް ހިމެނޭ ޕްލޭލިސްޓްތައް ވެސް ހިމެނޭނެ ކަމަށް އެ ޕްލެޓްފޯމުން ހާމަ ކުރެ އެވެ.

މިއީ ސްޕޮޓިފައި އިން މިހާ ފުޅާ ދާއިރާއެއްގައި ރޯދަ މަސް ފާހަގަ ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ އަހަރުތަކުގައި އެކުންފުނިން ރަމަޟާން މަހަށް ގެެނެސްފައިވަނީ ވަރަށް ކުޑަ ބަދަލުތަކެކެވެ.

ސްޕޮޓިފައިގެ ޕޮޑްކާސްޓް މެނޭޖަރު ރިއާ ޗެޑިޑް ބުނީ ރޯދަމަހަކީ ޕޮޑްކާސްޓް އުފައްދާ ޕްރޮޑިއުސަރުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ރޯދަމަހު އެ ޕްލެޓްފޯމްގައި ޕޮޑްކާސްޓްތައް އިތުރުވާ ކަމަށެވެ.

މި ބަދަލުތަކުގެ ބޭނުމަކީ ހުރިހާ ސަގާފަތެއްގެ ކޮންމެ މުނާސަބަތެއްގައި ވެސް ސްޕޮޓިފައި އިން ބައިވެރިވުން ކަމަށް އެ ޕްލެޓްފޯމުން ބުނެ އެވެ.

ރަމަޟާން 2023 ސާޗް ކޮށްގެން ކަސްޓަމަރުންނަށް ރަމަޟާން މަހާ ގުޅޭ ކޮންޓެންޓް ފެންނާނެ ކަމަށް ސްޕޮޓިފައި އިން ބުނެ އެވެ.