ރޯދަ ވީއްލީ ގަޑިއަކީ ދުވާލު ނުކައި ހުރުމަށްފަހު ކެވޭ އެންމެ ފުރަތަމަ ކެއުމެވެ. ބަނޑުހައިވެފައި ހުންނަ ވަރުން ސުފުރާގައި ހުރި ގިނަ ކާތަކެތި އެއްފަހަރާ ކާލުމުގެ ޖޯޝެއް ވެސް އެގަޑީގައި އުފެދެ އެވެ.

ނަމަވެސް ރޯދަ ވީއްލާ ގަޑީގައި އެއްފަހަރާ މާގިނައިން ކެއުމަކީ ޞިއްހީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން އެންމެ އާންމުކޮށް ދިމާވެދާނެ މައްސަލައަކީ ގެސްޓްރައިޓިސް ނުވަތަ ބަނޑުގައި ވައިހެދުން ނޫނީ ގޭހުގެ އުދަނގުލެވެ.

މާބޮޑަށް ވަރުބަލިވެ، ހަށިގަނޑަށް ލޮޑުކަން އިހުސާސްކުރެވުމަކީ ވެސް މާގިނައިން ކެއުމުން ކުރިމަތިވެދާނެ ކަމެކެވެ. ހަމައެހެންމެ އާދަޔާ ޚިލާފަށް ފަލަވުމަކީ ވެސް މާގިނައިން ކާނަމަ ދިމާވެދާނެ ގޮތެކެވެ.

އެއާއެކު މަތިންއެރުމަކީ ވެސް މިކަމުގެ ސަބަބުން ވެދާނެ ގޮތެކެވެ. މެއިން ދިލަނެގުމަކީ ވެދާނެ ގޮތެކެވެ. މޭނުބައިކޮށް، ހޮޑުލެވިދާނެ އެވެ. ބަނޑަށް އުނދަގޫވެގެން އުޅެންޖެހިދާނެ އެވެ. ފުރިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވި، އޯކަށްދެމޭގޮތް ވެދާނެ އެވެ.

މިދެންނެވި ހުރިހާ ކަންކަމަކީ ވެސް ގޭހުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކެވެ. މިއުދަނގޫތަކުގެ ނަތީޖާއަކަށްވާނީ ރޭއަޅުކަން ފުރިހަމަ ކުރުމަށް ބުރޫ އެރުމެވެ. ރޭގަނޑުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް ނުކުޅެދުމެވެ.

ރޯދަމަހެއް ފެށިގެން ގޮސް ނިމިދާއިރު، އެމަހުގައި ތިބާގެ އާދަ އަކީ ކޮންމެ ދުވަހެއްގެ ރޯދަ ވީއްލާގަޑީގައި މާގިނައިން ކެއުން ކަމުގައި ވަނީނަމަ، ރޯދަ މަސް ނިމޭއިރު އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވެގެން ދިއުމަކީ ގާތް ކަމެކެވެ.

ހަށިގަނޑު ބުރަހެލިވެ ފަލަވެގެން ދިއުމަކީ ލޭމައްޗަށްދިއުން، ހަކުރުބަލި، ކޮލެސްޓްރޯލް މަތިވުން، ކިޑްނީގެ ބަލިތައް ފަދަ ގައިންގަޔަށްނާރާ ބަލިތަކަށް ހުޅުވާލެވޭ ދޮރެކެވެ.

އެހެންކަމުން ރޯދަ މަހުގެ ކޮންމެ ވަގުތަކީ ވެސް ތިބާގެ ހަށިގަނޑަށް އެކަށޭނަ ވަރަށް ކައިބޮއިއުޅޭ ވަގުތަކަށް ހެދުން މުހިއްމެވެ. ލުއި ހަށިގަނޑަށް ފައިދާ ހުރި ކެއުންތައް ޚިޔާރު ކުރާށެވެ. ޞިއްޙީ މައްސަލަތަކުން ދުރުވެ ރޯދަ މަސް ދުލަހެޔޮކަންމަތީ ވޭތު ކުރެވޭނީ އޭރުންނެވެ.