ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނުގައި އޮތް މާއްދާ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފި އެވެ. މިއިސްލާހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޚުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އަމަލުކުރަން ފެށި ކުނި މެނޭޖުކުރުމުގެ ގާނޫނަކީ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ވަކި ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް މަގުފަހިކުރުމަށް އެކުލަވާލި ގާނޫނެކެވެ. ގާނޫނުގައި ކުނި މެނޭޖްގެކުރުމުގެ ޒިންމާތައް ބެހިފައިވާގޮތާއި، އަތޮޅު އަދި ރަށު ފެންވަރުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ ރާއްޖެއަށް ކުނި އެތެރެކުރުމާއި ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކުރުމުގެ ގޮތުން، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުން ކަމަށެވެ.

އަދި ކުނި މެނޭޖްކުރުމުގެ ކަންކަން ރާވާ ހިންގުމާއި ގުޅޭގޮތުން، ޤާނޫނު ތަންފީޒުކުރާ އިދާރާތައް ކަމުގައިވާ މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ބަޔާންކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަން ޖެހޭ އެންމެހާ ގަވާއިދުތަކާއި މިންގަނޑުތައް ހެދުމާއި، ކުނި މެނޭޖްކުރުމަށް މަރުކަޒުތައް ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމްކުރާ ސަރަހައްދުތައް ކަނޑައެޅުމަށް ތިމާވެށީގެ ގޮތުން ބަލަން ޖެހޭ މިންގަނޑުތައް އެކުލަވާލާ އާއްމުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

މި ގާނޫނު ފާސްކުރިއިރު، ގާނޫނުގައި އޮތީ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައަކާ ލައިގެން ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ކަމަށެވެ. މިގޮތަށް މިގާނޫނު ފާސްކުރުމުން އެކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކަކުން ފާޅުކުރުމުން ސަރުކާރުން ވަނީ ރާއްޖެއަށް ކުނި އެތެރެކުރުމަކީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށް ބުނެ އެބައި އިސްލާހު ކުރާނެ ކަމަށް ބުނެފަ އެވެ.