ޖުމްހޫރީ ޕާޓީން ވަކިވެވަޑާިއގެންނެވި ބޭފުޅުން އެ ޕާޓީ ބަދުނާމު ކުރާތީ ލީޑަރު ގާސިމް އިބްރާހީމް ރުޅިގަދަ ވެއްޖެ އެވެ.

ގާސިމް އިބްރާހީމް ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނެވުމަށް ނިންމެވުމާ ގުޅިގެން އެޕާޓީގެ ސްލޮޓްގައި ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންވަނީ ރައީސް ސޯލިހަށް ތާއީދުކޮށް ގާސިމް ދޫކޮށް ޕާޓީން ވަކިވެފަ އެވެ. އަދި ބައެއް ބޭފުޅުން ޕާޓީއާމެދު ތަފާތު ވާހަކަތައްވެސް ހާމަކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ގާސިމް ކުރެއްވި ޓުވީޓެއްގައި ވަނީ ވަޒީފާތަކުގަިއ ތިއްބި މީހުންގެ ތެރެއިން ވަޒީފާގެ ބޭނުމަށް މަޤާމުތައް ދިފާއުކުރައްވާ ބޭފުޅުން ޖުމްހޫރީ ޕާޓީ ބަދުނާމު ނުކޮށް، ޕާޓީން ވަކިވުމަކީ ރީތި ގޮތްކަމަށެވެ.

ގާސިމް ވިދާޅުވީ އެއްވެސް ހަގީގަތެއްގެ ނެތް ވާހަކަ ނުދައްކައި އަމިއްލަ މަގާމު ދިފާކުރައްވަން ބޭނުންނަމަ ރީތި ގޮތުގައި ޕާޓީން ވަކިވެވޭނެކަމަށެވެ.

ޕާޓީއާއި، ޕާޓީގެ ލީޑަރޝިޕްގެ އަގުވައްޓާލަން އެކި ތުހުމަތުކޮށް، ޕާޓީ ބަދުނާމުނުކޮށްވެސް ރީތި ގޮތުގައި ޖުމްހޫރީ ޕާޓީން ވަކި މަޤާމުތަކުގައި ދެމިތިބެވިދާނެކަމަށް ޤާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމްގެ އިތުރުން އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ހިމެނެ އެވެ.