38 ކައުންސިލު އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލުން ހޯދަން ސީއެސްސީން އިއުލާނުކޮށްފައިވާ ރަށްރަށަކީ މިހާތަނަށް އެސްޖީން ނެތް ރަށްރަށާއި އެކި ސަބަބުތަކާ ހުރެ އެސްޖީންގެ މަގާމަށް އައްޔަންކުރި މީހުން އިސްތިއުފާ ދީފައިވާ ރަށްރަށެވެ.

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މި މަހުގެ 13 ވަނަ ދުވަހުގެ 13:00 ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ސީއެސްސީން ބުންޏެވެ.

މަގާމުގެ ޒިންމާއާއި އުސޫލުތައް އަދި ފޯމު ހުށައެޅުމުގެ އުސޫލުތައް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ގެޒެޓްކޮށްފަ އެވެ.

މި މަގާމުގައި އެސްޖީން ދެ ރޭންކެއް ހިމެނޭއިރު ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަންކުރާ މަގާމެކެވެ.

ސިވިލް ސާވިސް ކޮމިޝަނުން އަންނަނީ 2021 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް އެސްޖީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީއާއި ހަމައަށް އައްޔަން ކުރެވިފައިވަނީ 159 ސެކްރެޓަރީ ޖެނެރަލުންނެވެ.

ލޯކަލް ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފެވެ.