ރާއްޖޭގައި މިހާރު މަޝްރޫއުތައް ހިންގަނީ މުޅި މަޝްރޫއަށް ދޭންޖެހޭ ވަރަށް ވަގުތު ނުދީ މާ އަވަހަށް ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އޭނާ ވަނީ ސަރުކާރުން އެއް މަޝްރޫއެއް ތަކުރާރުކޮށް ކުރިއަށް ގެންދަން ޖެހޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަސްލަމް ވިދާޅުވީ، ރާއްޖޭގައި މިހާރު މަޝްރޫއުތައް ހިންގާއިރު ހާއްސަކޮށް، ޕްލޭންކުރުމަށާއި، ޑިޒައިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނުލިބޭ ކަމަށެވެ.

" އަޅުގަނޑު މިދޭތެރެއަކުކުން ދިޔައިން އެމެރިކާއަށް. ޕޯޓެއް ހެދުމަށް ވިސްނާ، ޕްލޭންކޮށް، ހުރިހާ ކޮންސަލްޓޭޓިވް ޕްރޮސެސް ނިންމާ، މަސައްކަތް ފެށުމާ ހަމައަށް ނަގާ ފަސް އަހަރާ 10 އަހަރާ ދޭތެރެ. އެހާ ވަގުތު ނަގާ. އަޅުގަނޑުމެންގެ މި ކަހަލަ ކަންކަން މިހުންނަނީ ހަމަ ރާސްޓަސް " އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވަގުތު ބޭނުން ވާނެ ކަމަށެވެ. ނޫން ނަމަ، ދެމެހެއްޓެނެވި ގޮތެއްގައި މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށެވެ. އެހެންވެ، މަޝްރޫއުތައް ތަކުރާރުކޮށް ހިންގަން ޖެހެނީ އެ އޮންނަ ޑިމާންޑާ އެއް ވަރަށް އަވަހަށް މަސައްކަތްތައް ނިންމަން ޖެހުމުގެ ސަބަބުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެހާ އަވަހަށް އެ މަސައްކަތް ކުރުމުންޑިޒައިންގައި ބައެއް އުނި ކަންކަން ހުންނަ ކަމަށާއި، އަދި ބައެއް ކަންކަން ދޫކޮށްލެވިފައި ވެސް ހުންނަ ކަމަށެވެ.