މާލެ ސަރަޙައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ޖޫންމަހުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާއި ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި، ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށެވެ. އަދި ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިންމާ ރިޕޯޓް ކުރެވޭނީ މެއިމަހުގެ ނިޔަލަށް ނުވަތަ ޖޫންގެ ކުރީކޮޅަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން މާލޭ ސަރަޙައްދުން 4000 ފްލެޓާއި، 3000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ ތެރެއިން 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުންނެވެ. އަދި 4000 ފްލެޓާއި، 1000 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެއިންނެވެ.

ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލުމުން އާއްމުންގެ ފަރާތުން 30،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 1000 ގޯއްޗަށްވާ ބިން ކެނޑުން އަމަލީކޮށް ފެށި ދުވަހު، ޕްލޭނިން މިނިސްޓްރީން ވަނީ ވަގުތީ ލިސްޓު މާޗު މަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް މާޗު މަސް ނިމުނުއިރުވެސް ލިސްޓު އާންމުކޮށްފައިނުވެ އެވެ.