އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަމްރީނުވާ ދިވެހިންގެ އަދަދު އިތުރުކުރުމުގެ ގޮތުން، އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށާއި ދިރާސާތައް ކުރުމަށް ހާއްސަ "ސްޓޭޓް އޮފް ދަ އާޓް" އިމާރާތެއް އަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީތަކާއެކު ގާއިމުކުރާ މި އިމާރާތަކީ ދިވެހި ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ވެސް ތަހުލީލުތަކާއި އެކްސްޕެރިމަންޓްތައް ހެދޭނެ ތަނަކަށް ވެގެންދާނެ ކަމަށެވެ.
މި އިމާރާތުގައި ސިވިލް، މެކޭނިކަލް، އެއާކްރާފްޓް އެންޑް އެރޮނޯޓިކަލް، ރޮބޮޓިކްސް، އޭއައި އަދި ޑިޖިޓަލް އިންޖިނިއަރިން ފަދަ ޒަމާނީ ދާއިރާތަކުން ތައުލީމާއި ތަމްރީނު ފޯރުކޮށްދެވޭނެ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމެންޓްތައް ކުރިއަށް ގެންދާނީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާ ގޮތަށް ދެމެހެއްޓެނިވި އުސޫލަކުންނެވެ. އަދި މިއީ ރާއްޖޭގެ އިންޖިނިއަރިން ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ގައުމީ ފެންވަރުގައި "އިންޖިނިއަރުންގެ ދުވަސް" ފާހަގަކުރުމަށް މިދިޔަ އަހަރު ނިންމަވާފަ އެވެ.
"އޭޖީޓީ"އިން ސައިމަން ދުރަށް، ސަބަބަކީ ކޮބާ؟
އިމްރާން ހަޝްމީ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެއްޖެ
މަސްތުގެ ހާލަތުގައި ކާރު ދުއްވައި އެކްސިޑެންޓްކުރި މީހާ ބަންދު