ހޮރްމޫޒް ކަނޑުއޮޅިއަށް ކަނޑުމަގުން ބޭނުންކުރާ މައިންތަކެއް އެޅުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ލާރަކް އައިލެންޑްގައި ހުރި އީރާނުގެ ދެ ލޯންޗަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި އެވެ.
އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް އަރަބިއްޔާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހޮރްމޫޒް ކަނޑުއޮޅިއަށް މައިން އެޅުމަށް ރޮކެޓްތަކެއް ތައްޔާރުކުރަމުން ދަނިކޮށެވެ. އޮފިޝަލް އިތުރަށް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހުރި މައިންތައް ނައްތާލުމުގެ މަސައްކަތް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިދިޔަ ހަފުތާގައި ނިންމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ވިޔަފާރި ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާ ސިފައިން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަމަލާއާ ގުޅިގެން އައިއާރްޖީސީ އިން ބުނީ، ލާރަކް އައިލެންޑަށް ދިން މި ހަމަލާގައި އީރާނުގެ ސިފައިންނާއި އާންމުންގެ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި މި އަމަލުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ. ނަމަވެސް، މި ހަމަލާގައި މަރުވި މީހުންގެ ސީދާ އަދަދެއް އީރާނުން ހާމައެއް ނުކުރެއެވެ.
ރިވޮލިއުޝަނަރީ ގާޑުން ވަނީ، އުރުދުންގައި އެމެރިކާއިން އޮޕަރޭޓްކުރާ ކިންގް ހުސައިން އަދި އަލް-އަޒްރަގް އެއާބޭސްތަކުގައިވާ ފަންނީ ވަސީލަތްތަކަށާއި، މެއިންޓަނަންސް މަސައްކަތްކުރާ ތަންތަނުގެ އިތުރުން ދުޝްމަނުންގެ ފައިޓަ ޖެޓްތައް ހުރި ސަރަހައްދުތަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ބައިނަލްއަގުވާމީ ސަރަހައްދުން ހުރިހާ މައިންތަކެއް ނައްތާލެވިފައިވާ ކަމަށާއި، އަލުން މައިން އަޅާ ކޮންމެ އުޅަނދެއް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އީރާނަށް ދީފައިވާނެ ކަމަށެވެ.
އެމެރިކާއިން އެންމެ ފަހުން އީރާނަށް ހަމަލާދީފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގަ އެވެ. މި ހަނގުރާމައަށް ހަ މަސް ފުރިފައިވާއިރު، ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ އިޒްރޭލަށާއި އަވަށްޓެރި ގައުމުތަކަށް ހަމަލާދީފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާއި، ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، މިލިއަނުން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އަދި މި ކުރިމަތިލުންތަކުގައި އެމެރިކާގެ 18 ސިފައިން ވެސް ވަނީ މަރުވެފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައިވާއިރު، މިއީ ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ މުހިންމު މަގުކަން ފާހަގަކޮށްލެވެއެވެ.
"އޭޖީޓީ"އިން ސައިމަން ދުރަށް، ސަބަބަކީ ކޮބާ؟
މާލެ އޯޕަންގެ ވަނަވަނަ ހާސިލުކޮށްފައިވާ ފެތުންތެރިންނަށް އިނާމު
