ނިއު ޔޯކު (އެޕްރީލް 4) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކުރާ ޖިނާއީ ދައުވާތައް އިއްވުމަށް އެމަނިކުފާން ހައްޔަރު ކުރުމަށް ފަހު ނިއު ޔޯކުގެ ކޯޓަށް ދާދި ދެންމެ އަކު ހާޒިރުކޮށް 34 ދައުވާ އިއްވައިފި އެވެ.

އުމުރުން 76 އަހަރުގެ ޓްރަމްޕް ލޯވާ މެންހަޓަންގެ ކޯޓަށް ހާޒިރުކުރި އިރު ހުންނެވީ ބިޑި އަޅުވައިފައެއް ނޫނެވެ. ޓްރަމްޕުގެ މައްޗަށް އުފުލި ހުރިހާ ދައުވާއަކަށް އެމަނިކުފާން ވަނީ ކޯޓުގައި ފަނޑިޔާރުގެ ކުރިމަތީގައި އިންކާރު ކުރައްވައިފަ އެވެ.

ދައުވާތައް އިއްވުމަށް ފަހު ކަފާލާތުގެ ދަށުން ޓްރަމްޕް ކޯޓުން ދޫކޮށްލާނެ އެވެ. އެއަށް ފަހު އެމަނިކުފާން ދިރިއުޅުއްވާ ފްލޮރިޑާ އަށް ވަޑައިގަންނަވާނެ އެވެ. ޓްރަމްޕުގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައި ވަނިކޮށެވެ.

ޓްރަމްޕުގެ މައްޗަށް ނިއު ޔޯކުގެ ޕްރޮސެކިއުޓަރުން ދައުވާ ކުރަނީ ބަރަހަނާ ފިލްމު ކުޅޭ މީހަކަށް ފައިސާ ދީގެން ޓްރަމްޕާ ބެހޭ ގޮތުން އޭނާ ދައްކަން އުޅުނު ވާހަކަތައް ހުއްޓުވި މައްސަލައިގަ އެވެ. މިކަން ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ.

ބަރަހަނާ ފިލްމު ކުޅޭ ކުރީގެ ތަރިއެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސް ވަނީ ޓްރަމްޕް އޭނާއާ އެކު ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް އެ ވާހަކަ ދައްކަން ފަށައިފަ އެވެ. ޑެނިއަލްސްގެ އަނގަ ބަންދު ކުރަން ޓްރަމްޕުގެ ފަރާތުން ވަނީ 130،000 ޑޮލަރު އޭނާ އަށް ދީފަ އެވެ. މި ގޮތަށް ފައިސާ ދިނުން ނިއު ޔޯކުގެ ގާނޫނުތަކުގައި މަނާކަމަކަށް ނުވި ނަމަވެސް އެ ފައިސާ ދިން ކަމަށް ޓްރަމްޕުގެ އެއްވެސް ރެކޯޑަކުން ފެންނާކަަށް ނެތެވެ. އެ ފައިސާ ރެކޯޑްކޮށްފައި ވަނީ ވިޔަފާރި ޚަރަދެއްގެ ގޮތުގަ އެވެ. އެހެންވެ ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެއީ ޓްރަމްޕް ހިންގާފައިވާ އޮޅުވާލުމުގެ ބޮޑު ޖަރީމާއެއް ކަމަށެވެ.

ކުރީގެ ރައީސް ޓްރަމްޕް ކޯޓަށް ވަދެވަޑައިގަންނަވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ކުރީގެ ރައީސް އެވެ.

ޓްރަމްޕުގެ މައްޗަށް އިއްވާފައިވާ ދައުވާގެ އަޑުއެހުންތައް ކުރިއަށްދާއިރު އެމަނިކުފާނަށް ސަޕޯޓްކުރާ އެތައް ބަޔަކު ވަނީ ކޯޓުގެ ބޭރަށް އެއްވެފަ އެވެ.