ލޯބީގެ ގުޅުމެއް ނިމިގެން ދިއުމަކީ އެ ލޯބި ހިއްސާކުރި ދެ މީހުންނަށް ވެސް ފުން އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އެކި މީހުން މި އިހުސާސްތައް އެކި ގޮތްގޮތަށް ބޭރުކުރާއިރު ވަރަށް ތަފާތުކޮށް އެކަން ކުރާ މީހުންވެސް އުޅެ އެވެ.
އެގޮތުން ޗައިނާއަށް ނިސްބަތްވާ ފިރިހެނަކު މިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަނބުރާ ހޯދުމަށްޓަކައި ލޯބިވެރިޔާގެ އޮފީސް ކުރިމަތީގައި 21 ގަޑިއިރު ކަކޫ ޖަހައިގެން އިނދެފަ އެވެ.
ޗައިނާގެ ޑިޒޫގައި ހިނގި މި ހާދިސާގައި އެ ފިރިހެން މީހާ ވަނީ ރަތް ކުލައިގެ މާބޮނޑިއަކާއެކު މާޗް 28 ވަނަ ދުވަހުގެ މެންދުރު އެކަކުން ފެށިގެން ޖެހިގެން އައި ދުވަހުގެ ހެނދުނު 10 ޖަހަންދެން ބިންމަތީގައި ކަކޫ ޖަހައިގެން އިނދެފަ އެވެ.
މި އިން އިނުމުގައި އެ ސަރަހައްދަށް ވާރޭވެހި ފިނިގަދަވި އިރު ވެސް އޭނާ އެތަނުން ގޮސްފައިނުވާ ކަމަށާއި ލޯބިވެރިޔާ އާދޭތޯ މަޑުކުރި ކަަމަށް ހަބަރުތައް ބުނެ އެވެ.
މި ހާދިސާގެ ވީޑިއޯތަކާއި ފޮޓޯތައް އިންޓަނެޓުގައި ދައުރުވަމުން އަންނައިރު ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ އެތަނުން ނެގޭތޯ މަސައްކަތް ކޮށްފަ އެވެ.
އެހެން ނަމަވެސް އޭނާ ބުނެފައިވަނީ އެތަނުގައި އެހެން އިނުމަކީ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށާއި އެހެން ކަމުން ފުލުހުންނަށް އެކަން ނުހުއްޓުވޭނެ ކަމަށެވެ.
ފިރިހެން މީހާގެ އެ އަމަލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެއީ ރަނގަޅު ލޯބިވެރިއެއްގެ ކިބައިން ފެންނާނެ ސިފައެއް ނޫން ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.
އެންމެ ފަހުން ފިންޏަށް ކެތް ނުކުރެވިގެން އޭނާ އެތަނުން ގޮސްފައިވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ. އޭރު ވެސް ލޯބިވެރިޔާގެ ހަބަރެއް އޭނާއަކަށް ނުވެ އެވެ.