ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިއަދު އުމްރާއަށް ދާން ތައްޔާރުވެ ތިބި މީހުންނަށް ނުފުރި މިއަދުގެ ދަތުރު ކެންސަލް ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަތުރު ކެންސަލް ކުރީ ސައޫދީން ވިސާ ހަމަނުޖެހޭ ކަމަށް ބުނެ އެންމެ ފަހު ވަގުތު އެވެ.

ސަފާ ގްރޫޕުން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާއެއް މި ވަގުތާ ހަމައަށް ވެސް ދޫކޮށްފައި ނުވާތީ ފުރެން ނެތީ ކަމަށެވެ.

"މިއަދުގެ މި ވަގުތާ ހަމައަށް އައި އިރު ވެސް ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާ އެކު ދަންނަވަމެވެ." ސަފާއިން ފޮނުވި މެސެޖުގައި ވެ އެވެ.

އަދި ވިސާ ހަމަނުޖެހޭތީ ފުރަން ނުދިއުމަށް ބައެއް ފަރާތްތަކަށް އަންގާފައިވެ އެވެ.

އެ ގްރޫޕުން ފުރުމަށް ހަމަޖެހިފައިވާ މީހަކު ބުނީ ފުރަން ވެގެން އިއްޔެ ފޮށިތައް ވެސް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށްވެސް ވިސާ ހަމަނުޖެހޭކަން އަންގާފައި ނުވާ ކަމަށެވެ. އަދި ބައެއް މީހުންނަށް ފުރަން ދާން ވެސް އަންގާފައިވާ ކަމަށެވެ.

ސަފާ ގްރޫޕްގެ އުމްރާވެރިންނަށް ވިސާ ހަމަޖެހިފައި ނެތުމުން ލަގެޖްތައް ވެސް ހުރީ ޗެކިން ނުކޮށް ބަހައްޓައިފަ އެވެ.

އުމްރާވެރިއަކު ބުނީ މިކަމުގައި ކުންފުނިން ކުރާނެ ކަމެއް ނެތް ކަމަށް ކުންފުނިން ވާހަކަ ދެއްކި މީހަކު ބުނި ކަމަށެވެ. އޭނާ ބުނީ ދެން ކުރިއަށްދާނެ ގޮތެއް ފަހުން އަންގާނެ ކަމަށް ބުނި ކަމަށާއި ފުރޭނެ ގޮތެއް ނެތުމުން ފޮށިތައް ގެންދަން ވެސް މިހާރު އަންގާފައިވާ ކަމަށެވެ.