ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ހަމަޖެހިފައިވާ މީހުން އަންނަ އަންގާރަ ދުވަހުގެ ފުރާނެ ކަމަށް ބުނެފި އެވެ.
ސަފާ ގްރޫޕް މެދުވެރިކޮށް ޢުމްރާގެ އަޅުމަށް ދިއުމަށް 181 މީހުން ފައިސާދައްކާފައިވެ އެވެ.
އެ ގްރޫޕްގެ ހަވާލުގައި ދާ މީހުން ފުރަތަމަ ފުރަން ހަމަޖެހިފައި އޮތީ މިމަހުގެ 6 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަހު ނުފުރުނީ ފަހުވަގުތާ ހަމައަށް ވެސް ވިސާ ހަމަނުޖެހިގެންނެވެ.
ސަފާ ގްރޫޕުން ބުނެފައި ވަނީ އުމްރާވެރިން ފުރުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މީހުން އުފުލަން ސައުދީއަށް ދަތުރުކުރުމަށް އޮމާންގެ "ސަލާމް އެއާ"ގެ ފްލައިޓެއް ޗާޓަރު ކޮށްފައިވާ ކަމަށް އެ ގްރޫޕުން ބުނެ އެވެ. އަދި ދަތުރުގެ އެހެނިހެން ހުރިހާ އިންތިޒާމްތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ ގްރޫޕުން ބުނެ އެވެ. އެގޮތުން ވިސާ އާއި ޓިކެޓް ހަމަޖެހި، ސަޢުދީގައި ތިބުމާއި އަޅުކަމާ ގުޅޭ ހުރިހާ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށް ސަފާ ގްރޫޕުން ބުނެ އެވެ.
ސަފާ ގްރޫޕުން ބުނީ މިފަހަރު އެފަދަ މައްސަލައެއް ދިމާނުވާނެހެން، އެ ގްރޫޕްގެ ފަރާތުން ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފުރުމުގެ އިންތިޒާމްތައް އެ ގްރޫޕްގެ އުމްރާވެރިންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެގްރޫޕުން ބުނެ އެވެ.
ސަފާ ގްރޫޕުން ވަނީ ވިސާ ހަމަނުޖެހިގެން މިފަހަރު އުމްރާއަށް ނުދެވޭކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިއުންތަކާ ހެދި އެންމެ ފަހުން މަޖުބޫރުވެގެން ފްލައިޓެއް ޗާޓަރުކޮށްގެން އުމްރާއަށް މީހުން ގެންދަން ނިންމީ އެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ސަފާ ގްރޫޕްގެ ހަވާލުގައި މީހުންނަށް އުމްރާއަށް ނުފުރުނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫން ކަމަށެވެ. އަދި އުމްރާ ވިސާއަކީ ތިން މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާއިރު، ކުންފުނިން އެގޮތަށް ހަމަޖައްސާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.