އިންޑިއާ އިން ދިވެހިން ޖަލަށްލައި، ޕެޕަ ސްޕްރޭ ޖަހައި ފަނޑިޔާރުން ހައްޔަރުކޮށް ހަދާފައި ނުވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ އެގޮތަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޭބުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ. އެ ކެމްޕެއިނާ ދެކޮޅަށް ނުކުންނަވައި، ރޮޒެއިނާ ކުރެއްވި ޓުވީޓުތަކުގައި ވަނީ އިންޑިއާ ދިފާއު ކުރައްވައިފަ އެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ މިނިވަން ކަން އެންމެ ބޮޑަށް ގެއްލިގެން ދިޔައީ މިހާރު އިދިކޮޅުގައި ތިބި ޕީޕީއެމާއި ޕީއެންސީގެ ވެރިކަމުގައި ކަމަށާއި އެ ކޯލިޝަނުން މިނިވަން ކަމުގެ ވާހަކަ ދެއްކުމުން ބޮޑު ޖޯކަކަށްވެފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ހަޔާތުގެ 43 އަހަރުގައި އެންމެ ބޮޑަށް މިނިވަން ކަން ނެތުމުގެ އިހުސާސް ކުރަން ޖެހުނީ ޔާމީންގެ ފަސް އަހަރުގައި. ސިޔާސީ ބޭނުމަށްޓަކައި އެތައް ބަޔަކު ޖަލަށްލި. މީހުން ތިބީ ބިރުން ދެން (ޖަލަށްލާނީ) ކާކުތޯ ނޭނގޭތީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ވެސް ނެތް ކަމަށެވެ. އަދި މަޖިލިސް ބަންދުކޮށް، އެތަން ތަމްސީލް ކުރައްވާ މެމްބަރުން ޖަލަށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުން ބުނޭ އިންޑިއާއަކީ ނުރައްކަލެއް ކަމަށް އަޅުގަނޑުމެންގެ މިނިވަންކަމަށް. އެމީހުން އެކަހަލަ އެއްވެސް ކަމެއް ނުކުރޭ. އެކަމަކު އަހަރުމެންގެ ބޭނުންތައް ފުއްދައި ދިން. އެމީހުން އަހަރުމެން ބަންދެއް ނުކުރޭ. ޕެޕަ ސްޕްރޭއެއް ނުޖަހާ، ފަނޑިޔާރުން ހައްޔަރެއް ނުކުރޭ. އެމީހުންގެ ސަބަބުން ޖަލުގައި މީހުން މަރުވެފައެއް ނުވޭ،" ރޮޒެއިނާގެ ޓުވީޓުގައިވެ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވަރަށް ބޮޑަށް އިންޑިއާއަށް ފާޑުވިދާޅުވެ އަދި ޗައިނާއަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އިންޑިއާއަށް ތައުރީފް ކުރައްވައި ޗައިނާއަށް ފާޑުވިދާޅުވަމުންނެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅު ސަޕޯޓަރުން ބޮޑު ކެމްޕޭނެއް ފެށި އިރު، "އިންޑިއާ އައުޓް" ހޭޝްޓެގާއެކު މީސް މީޑިއާގައި ކެމްޕޭން ވަނީ ވަރުގަދަ ކެމްޕެއިނެއް ފަށައިފައެވެ. އަދި "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި މަގުމަތީ ހަރަކާތްތަކެއް ވަނީ ފަށައިފަ އެވެ.