ބޮލީވުޑްގެ އަރަމުން އަންނަ މިއުޒީޝަން އަދިތުޔާ ނަރާޔަން އޭނާގެ އިންސްޓަގްރާމްގައި ހުރި ހުރިހާ ފޮޓޯއެއް ޑިލީޓް ކޮށްލައި އެކައުންޓް ޑީ އެކްޓިވޭޓް ކޮށްފި އެވެ.

މިކަން ކުރުމުގެ ކުރިން އަންގާރަ ދުވަހު އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑިޖިޓަލް މީޑިއާއިން "ބްރޭކެއް" ނަގަނީ ކަަމަށާއި އަދި އެނބުރި އަންނާނެ ކަމަށެވެ.

"މިއީ ޑިޖިޓަލް ބްރޭކެއް. ޖުލައި މަހު އެނބުރި އަންނާނަން" އަދިތުޔާ ބުނެފައިވެ އެވެ.

މީގެ އިތުރުން އަދިތުޔާ ބުނީ އޭނާގެ މި ނިންމުމާއެކު ދޮގު ވާހަކަތައް ނުފެތުރުމަށެވެ. އެއާއެކު އޭނާގެ ހާލު ރަނގަޅު ކަމަށާއި މިވަގުތު ބޭނުންވަނީ އަންހެނުންނާއި ދަރިފުޅާއެކު އިތުރު ވަގުތު ހޭދަ ކުރަން ކަމަށް ވެސް އަދިތުޔާ ބުންޏެވެ.

މި ނިންމުމުގެ ބޭނުމަކީ އިންސްޓަގްރާމްގައި ފެންނަންހުރި އޭނާގެ ކުރީގެ ހުރިހާ ހަނދާނެއް ފުހެލައި އަލުން އާ ފެށުމެއް ފެށުން ކަމަށް އަދިތުޔާ ބުނެފައިވެ އެވެ.

އަދިތުޔާ މަޝްހޫރުވެިފައިވަނީ އިންޑިއާގެ އެކި ޓީވީ ޝޯވތަކުގެ ހޮސްޓެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން އަމިއްލަ މިއުޒިކީ މަސައްކަތްތައް ކުރާ އަދިތުޔާ ބޮލީވުޑްގެ ފިލްމަކުން ވެސް ފެނިގެން ގޮސްފައިވެ އެވެ.

އަދިތުޔާއަކީ 90 ގެ އަހަރުތަކުގައި ވިދާލި ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންގެ ދަރިފުޅެވެ. އުދިތުއާއި އަދިތުޔާ އެކުގައި އެކިފަހަރު މަތިން މަސައްކަތް ކޮށްފައިވެ އެވެ.

ޝްވެތާ ތިވާރީއާ ކައިވެނިކޮށްގެން އުޅޭ އަދިތުޔާއަށް މިފަހުން ވަނީ އަންހެން ކުއްޖަކު ވެސް ލިބިފަ އެވެ.