ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ.
އާދަމް ޝަރީފް މި މައްސަލަ ހުށައެޅުއްވީ ފެނަކައިން ކުންފުނި ތަކަށް ފައިސާނުދީ އެފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައިވެސް އިހްތިޖާޖްކޮށްފައި ވަނިކޮށެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ފެނަކައިން ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހިފައިވާ ކަމަށެވެ.
އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒަފުންނަށް މުސާރަ ނުދެވި ބައެއް ވިޔަފާރިތައް ހުއްޓި ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޖްމަންޓް އޮޑިޓަކާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
"ފެނަކަ ދަރާފައިވާ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި އޮވެ، ވެރިކަމުގެ މިދައުރު ނިމިއްޖެނަމަ، އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް އެ ވިޔަފާރިތަކަށް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ،" ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.
ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ މެންބަރު އާދަމް ޝަރީފު ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްނުވުމުން މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.