ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 7 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން ވަނީ ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 7 ސްކޮލާޝިޕަށް މިއަދު ހުޅުވާލާފަ އެވެ. އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދީފައިވެ އެވެ. އަދި އެ ސްކޮލާޝިޕްތަކަށް ކުރިމަތިލާ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ "މައި އެޑިއު" ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކޮލާޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދެ އެވެ. 21 ގައުމަކުން ކިޔަވަން ދިޔުމުގެ ފުރުސަތު ސްކޮލާޝިޕްތަކުގައި އެބައޮތެވެ. އޭގެ ތެރޭގައި ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، ހިމެނޭހެން އޭޝިއާ ބައްރުގެ ގައުމުތަކެވެ.

އެ ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ އެނެސްތީއޮލޮޖީ، އިންޓާނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނަކޮލޮޖީ، ޖެނެރަލް ސާޖަރީ އަދި ޕީޑިއޭޓްރިކް ހިމެނެ އެވެ. މި ހަތް ދާއިރާއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތެވެ.

މި ކޯސްތަކުގައި ބައިވެރިވެވޭނީ އެމްބީބީއެސް ޙާޞިލްކޮށްފައިވާ މީހުންނާއި، ޕީޑީއޭޓްރިކް ޕަލްމޮނޮލޮޖީއަށް ހުށަހަޅާ ފަރާތްތަކުން ޕީޑީއޭޓްރިކްސް އިން ސެޕެޝަލިޓީ ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމަށް ވާން ޖެހޭނެ އެވެ.

މި ސްކޮލާޝިޕްތަކަށް ހޮވުމުގައި ބަލާނީ މި ސްކޮލަޝިޕްގައި ކިޔަވައި ނިންމުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަށް އަތޮޅުތަކުގައި ހިދުމަތްކުރަން އެއްބަސްވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް މިހާރު ހުޅުވާލާފައިވާ އަދަދަށް ވުރެ ގިނަ ފަރާތްތަކުން އަތޮޅުތަކުގައި ހިދުމަތްކުރަން އެއްބަސްވާނަމަ ދެން އިސްކަންދެވޭނީ އެ ފަރާތްތަކުން އެމްބީބީއެސް ފުރިހަމަކުރުމަށްފަހު ސިއްހީ ހިދުމަތް ދީފައިވާ މުއްދަތައް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ހިދުމަތުގެ މުއްދަތު އެއްވަރުވެއްޖެ ނަމަ ކެންޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.