ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ބާނީ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްރާގެ އަންހެނުން ޕަމޭލާ ޗޯޕްޅާ މަރުވެއްޖެ އެވެ.
މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްރާގެ މަންމަ ޕަމޭލާ އުމުރުން 74 އަހަރުގައި މަރުވެފައިވަނީ ލިލަވަތި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް އިއްޔެ އެވެ. ޕަމޭލާ މަރުވި ވާހަކަ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހިއްސާކޮށް ބުނީ ޕަމޭލާގެ ޖަނާޒާ އިއްޔެ ބާއްވާފައިވާ ކަމަށެވެ.
ޔާޝް އާއި ޕަމެލާ ކައިވެނި ކުރީ 1970 ވަނަ އަހަރު އެވެ. އެމީހުންނަށް ލިބިފައިވަނީ ވަނީ ދެ ކުދިންނެވެ. އޭގެ ތެރެއިން އެކަކީ ވައިއާރްއެފް ހިންގުމުގެ މިހާރު ޒިންމާ ނަގަމުން އަންނަ އަދި ހިންދީ ސިނަމާގެ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އާއި އެކްޓަރު އުދޭ ޗޯޕްޅާ އެވެ.
އަދިތިޔާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.
އޭނަ އަކީ ފިރިމީހާ ޔާޝް ޑައިރެކްޓްކުރި ބައެއް ފިލްމުތަކަށް ވާހަކަ ލިޔެ، ލަވަ ކިޔައި ކޮސްޓިއުމް ޑިޒައިނިން ވެސް ހަދާފައިވާ މީހެކެވެ. ލޯބީގެ ފިލްމުތައް ހަދައިގެން "ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ޔާޝްގެ އަންހެނުން މިއަދު މަރުވި އިރު، ރީތި އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ވަނީ 2012 ގައި މަރުވެފަ އެވެ.
ވައިއާރްއެފަކީ ގެނެސްދީފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދާގް" އާއި "ޗާންދުނީ" އާއި "ކަބީ ކަބީ" އާއި "ސިލްސިލާ" އާއި "ދިލް ތޯ ޕާގަލް ހޭ" އާއި "ޑަރް" އާއި "ވީރު-ޒާރާ" އާއި "ލަމްހޭ" އާއި "ހަމް ތުމް" އަދި "ދޫމް" ފްރެންޗައިޒް ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.