މިިހާރު ފާހަގަ ކުރަމުންދާ ފިތުރު އީދާ ގުޅިގެން ޕާކިސްތާނަށް ނިސްބަތްވާ ޑިޖިޓަލް އާޓިސްޓަކު މުޅިން ތަފާތު ކުރެހުންތަކެއް ދައްކާލައިފި އެވެ.

އިންސްޓަގުރާމްގައި ޑިގްއިންކްގެ ނަމުގައި ހިންގަމުން އަންނަ އެ ޕޭޖުގައި މިފަހަރު ދައްކުވައިދީފައިވަނީ އީދުގެ މުނާސަބަތުތަކުގައި ދުނިޔޭގެ މަޝްހޫރު ޝަހުސިއުޔަތުތަކުން ބައިވެރިވާ މަންޒަރެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްްޑް ޓްރަމްޕް އީދުގެ ކެއުމަކަށް އިންސާފުކުރާ މަންޒަރު ފެންނައިރު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ފެންނަނީ ފަހާފޮށްޓެއް ކައިރީގައި އިންނަވަނިކޮށެވެ.

މީގެ އިތުރުން ކުރީގެ ރައީސް ބަރަކް އޮބާމާ ހީނާފަތް އަޅާ އާޓިސްޓެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު ކިމް ކާޑޭޝަން ފެނިގެންދިޔައީ އީދުގެ މުނާސަބަތުގައި ގަހަނާ ވިޔަފާރި ކުރަނިކޮށެވެ.

މީގެ ކުރިން ރޯދަ މަހުގެ ތެރޭގައި ވެސް މިފަދަ ފޮޓޯތަކެއް އާއްމުވި އެވެ. އެފަހަރުގެ ފޮޓޯތަކުގައި ފެނިގެންދިޔައީ އެކި ދާއިރާތަކުން މަޝްހޫރު ޝަހްސިއްޔަތުން ދުބާއީގެ ފުޑް ސްޓްރީޓްގައި ހަރަކާތްތެރި ވަނިކޮށެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ހުރިހާ ފޮޓޯތަކެއް ވެސް އަސްލާ ވަރަށް އެއްގޮތެވެ. ހުރިހާ ޝަހްސިއްޔަތުތަކުގެ ފޮޓޯތައް ވެސް ހަގީގަތާ ވަރަށް ކައިރި ކުރެ އެވެ.