"ޝާކް އައިލެންޑް"ގެ ގޮތުގައި މުޅި ދުނިޔެެއަށް މަޝްހޫރު ފުވައްމުލަކުގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިރަށުގެ ހޮޓަލަކުން ފަށައިފި އެވެ.

ފުވައްމުލަކުގައި ހުންނަ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ" އިން އިންސްޓަގްރާމްގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ދެ މީހަކަށް ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭން ނިންމާފައިވެ އެވެ.

އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަން ހުޅުވާލާފައި ވަނީ މުޅި ދުނިޔެއަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދެ މީހަކަށް ޑޮމެސްޓިކް އެއާ ޓްރާންސްފާ ދެކޮޅު ޓިކެޓާއި ދުވާލަކު ތިން ވަގުތުގެ ކެއުން ހިމެނޭ ގޮތަށް ދެ މީހަކަށް ފަސް ރޭ އެޓަރަކްޒިސްގައި ހިލޭ ހުރުމުގެ އިތުރުން އަރިފިޔާޅޮ ސާފް ސްކޫލުން ރާޅާ އަޅަން ދަސްކޮށްދިނުމުގެ ސެޝަނަކާއި ފުވައްމުލަކުގެ ޓުއާއެއް އަދި ދެ މީހަކަށް ޕްރައިވެޓް ބީޗް ޑިނެއް ވެސް ހިމެނެ އެވެ.

ފުވައްމުލަކު ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި ހުންނަ "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"ގެ ރޫފް ޓޮޕްގައި ދެ މީހަކު ކޮފީއެއް ބޮނީ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ހޮޓަލުގެ އިންސްޓަގްރާމް ޕޭޖް އަދި އަރިފިޔާޅޮ ސާފިން ސްކޫލްގެ ޕޭޖް ވެސް ފޮލޯކުރަން ޖެހެ އެވެ. މީގެ އިތުރުން އެ ޕޭޖްގައިވާ ޕޯސްޓަށް ލައިކްކޮށް ކޮމެންޓް ސެކްޝަންގައި ތިން މީހަކު ޓެގްކުރަން ވެސް ޖެހެ އެވެ. އޭގެ އިތުރުން އެ މީހެއްގެ އިންސްޓަގްރާމްގެ ސްޓޯރީގައި ޝެއާކޮށް އެޓަރަކްޒިސް ޓެގްކުރަން ޖެހެ އެވެ.

މި ޕްރޮމޯޝަން ނިމުމުން އިނާމް ލިބޭ މީހަކު ހޮވުން މެއި 17 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ހޮޓަލުން ބުނެ އެވެ.

މި އިނާމް ބޭނުންކުރުމުގެ ފުރުސަތު ޖޫން 1 އިން އަންނަ ނޮވެމްބަރު 30ގެ ނިޔަލަށް އޮންނާނެ ކަމަށް އެޓަރަކްޒިސް އިން ބުނެ އެވެ.

މި ރަށު ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"ގެ ނަމުގައި ހެދި މަތީ ފެންވަރުގެ ސިޓީ ހޮޓާ އާއްމުކޮށް ހުޅުވާލީ ޓޫރިސްޓް ސީޒަމާ ދިމާކޮށް 2021 ގަ އެވެ.

ފުވައްމުލަކު ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި ހުންނަ "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"ގެ ރޫފް ޓޮޕް.

ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ މިރަށުގައި ހުންނަ 15 ކޮޓަރީގެ ހޮޓަލުގައި ރެސްޓޯރަންޓަކާއި ސްޕާއެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ރޫފް ޓޮޕްގައި އައުޓްޑޯ ޝަވަރާއެކު ޖަކޫޒީ ވެސް ބަހައްޓާފައިވެ އެވެ.

ފުވައްމުލަކުގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި އިމާރާތްކޮށްފައިވާ މި ހޮޓަލުގައި ތަފާތު ތިން ކެޓަގަރީގެ ކޮޓަރިތައް ހުރެ އެވެ. އާއިލާއެކު ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ފެމިލީ ދެ ސުއިޓަކާއި އިރުއަރާ މަންޒަރު ކޮޓަރީގައި ތިބެ ބަލާލަން ބޭނުންވާ ފަރާތްތަކަށް ޓްރޮޕިކަލް ސަންރައިޒް ރޫމްތަކެއް ވެސް ލިބެން އެތަނުގައި ހުރެ އެވެ.

މީގެ އިތުރުން ޓްރޮޕިކަލް ސަންސެޓްގެ ކޮޓަރިން ފުވައްމުލަކަށް އިރުއޮއްސޭ ހިތްގައިމު މަންޒަރު ވެސް ފެންނާނެ އެވެ.

މިޔަރުގެ ވައްތަރެއް ކަމަށްވާ "ފެމުނު" ގިނަ އަދަދަކަށް ކަނޑު އަޑިން ފެންނަ ރަށެއްގެ ގޮތުގައި ފުވައްމުލައް ވަނީ މުޅި ދުނިޔެއަށް ވެސް މަޝްހޫރުވެފަ އެވެ. އަދި މިޔަރު ބަލާލަން ޑައިވްކުރަން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ޓޫރިސްޓުން މި ރަށަށް ޒިޔާރަތްކުރެ އެވެ.