އަހަރުގެ އެންމެ ހޫނުގަދަ ދުވަސްތައް ކުރިއަށް ދާއިރު މި ގަދަ ހޫނަކީ ތަފާތު ގިނަ ބަލިތަކާއި އެލާޖީތަކުގެ އިތުރުން ވެސް ހީޓް ސްޓްރޯކްފަދަ ކަންކަން ކުރިމަތި ވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ.

ވީއިރު މިފަދަ ކަންކަމުން އަހަރުމެންގެ ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ދުރާލާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ދުރުކޮށްދޭނެ އެވެ.

ކަމުގެ މާހިރުން ބުނާ ގޮތުގައި ހީޓް ސްޓްރޯކްއަކީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވާނެ އެންމެ ނުރައްކާތެރި ހާލަތެވެ. އެހެން ކަމުން މިކަމުގެ އަލާމާތްތަކަށް ރައްކާތެރިވެ ތިބުމަކީ މުހިއްމު ކަމެކެވެ. ބޮލުގައި ރިއްސުމާއި ބޯ އެނބުރުން އަދި މޫނުމައްޗަށް އަނދިރި ވުމަކީ ހީޓް ސްޓްރޯކެއްގެ އެންމެ ފުރަތަމަ އަލާމާތްތަކެވެ.

މި ފިނިހޫނުމިނުން އެންމެ ނުރައްކާ އޮތީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ކަމަށް ސައިންސްވެރިން ބުނާއިރު ހަކުރު ބައްޔާއި ކޮލެސްޓްރޯލް، ހިތުގެ ބަލި އަދި ކިޑްނީ ބަލި ހުންނަ ފަރާތްތައް މި މޫސުމުގައި ސިއްހަތަށް އިތުރަށް ފަރުވާތެރިވާން އެބޭފުޅުން ނަސޭހަތްތެރިވެ އެވެ.

މީގެ އިތުރުން ކުޑަކުދިންނާއި ދުވަސްވީ މީހުން ވެސް މިފަދަ ދުވަސްވަރެއްގައި ގިނައިރު ބޭރުގައި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް މާހިރުން އިރުޝާދު ދެ އެވެ.

ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ހާލަތަކުން ރައްކާތެރިވުމަށް އޮތް އެންމެ މޮޅު ގޮތަކީ މޫސުމާ އެއްގޮތަށް ދިރިއުޅުން ބަދަލު ކުރުމެވެ. އެގޮތުން ގިނައިން ދިޔާތަކެތި ބުއިމާއި ލުއި ފޭރާން ލުމުގެ އިތުރުން ބޭރުގައި އުޅޭ ވަގުތު މަދު ކުރުމަކީ ކުރެވިދާނެ ކަންކަމެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ.