އެމްއެމްއޭ އިން މިދިޔަ އަހަރު 993.7 މިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސޯދަށް ދޫކުރި ކަމަށާއި އޭގެ ބޮޑު ބައެއް ދޫކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން އިއްޔެ ވަނީ އެ އިދާރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިއްޔެ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ ޖުމްލަ އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 53 ޕަސެންޓް އިތުރު އަދަދެެކެވެ. އެމްއެމްއޭ އިން 650 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ވިއްކާފައިވެ އެވެ.
މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 70 ޕަސެންޓް ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 726 މިލިއަން ޑޮލަރު (11 ބިލިއަން ރުފިޔާ) އެވެ. އެމްއެމްއޭ އިން ބުނީ، އެސްއޯއީތަކަށް ދޫކުރި ޑޮލަރުގެ އަދަދު 90 ޕަސެންޓް އިތުރުވެފައި ވަނީ، ތެލުގެ އަގު އިންތިހާ އަށް މަތިވެފައިވާތީ، އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުންނެވެ.
މިދިޔަ އަހަރު ކޮމާޝަލް ބޭންކްތަކަށް އެމްއެމްއޭއިން ވަނީ 268 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ވިއްކައިފަ އެވެ. އަދި ސިއްހީ ބޭނުންތަކަށާއި މަތީ ތައުލީމު ހާސިލުކުރަން ބޭރުގައި ތިބި މީހުންނަށް 33 މިލިއަން ޑޮލަރު (500 މިލިއަން ރުފިޔާ) ވިއްކާފައިވެ އެވެ. އަދި ދަތުރުކުރާ ކޮންމެ ދިވެއްސަކަށް ދޭ 500 ޑޮލަރުގެ ރޭޓުން މިދިޔަ އަހަރު ވަނީ ދަތުރުވެރިންނަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ވިއްކައިފަ އެވެ. އެމްއެމްއޭ އިން ވަނީ ހައްޖާއި އުމްރާ އަށް ދާ މީހުންނަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނީ ބޭރު ފައިސާއަށް އޮންނަ ޑިމާންޑު މިދިޔަ އަހަރު އިތުރުވި ކަމަށާއި އެ ޑިމާންޑާ އެއްވަރަށް ޑޮލަރު ދޫކުރުމަށް އެ އިދާރާއިން މަސައްކަތް ކުރި ކަމަށެވެ.
ވޭތުވެދިޔަ ތިން އަހަރު ވެސް އެމްއެމްއޭއިން ޑޮލަރު ވިއްކި ވަރު ވަނީ އިތުރުވެފަ އެވެ. ރިޒާވް ހަމަޖެއްސުމަށް އިންޑިއާގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ އެމްއެމްއޭ އިން އަންނަނީ ބޭނުން ކުރަމުންނެވެ.
ރާއްޖޭގެ ޑޮލަރުގެ ރިޒާވުގެ 50 ޕަސެންޓަކީ ކުރު މުއްދަތުގެ އިންސްޓްރޫމަންޓްތައް މެދުވެރިކޮށް ހޯދާ ފައިސާ އެވެ.
ޓޫރިޒަމް ރަނގަޅުވެ، ރާއްޖެ އަށް ޑޮލަރު ވަންނަ ވަރު އިތުރުވި ނަމަވެސް ކޮވިޑަށް ފަހު ކަޅު ބާޒާރުގައި ޑޮލަރު އަގު ވަނީ 17ރ. އިން މައްޗަށް ގޮސްފަ އެވެ. ޑޮލަރުގެ އަގު ދަށް ކުރުމަށް އެމްއެމްއޭއިން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވީ ނަމަވެސް، ވޭތުވެދިޔަ ދެ އަހަރު ތެރޭ އެކަމާ ގުޅޭ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.