ފުރާނައަށް ނުރައްކާވާ ފަދަހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެ ކުޑައީ "އޯ" ގްރޫޕު ލޭ ހުންނަ މީހުންނަށް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ނެދަލޭންޑުގެ ޔުނިވާސިޓި މެޑިކަލް ސެންޓަރު ގްރޯނިންގެން އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ހިތުގެ ބަލިތަކަށް ޝައްކު ކުރެވޭ ގިނަ އަލާމާތްތައް ފެންނަނީ ލޭގެ ގްރޫޕު "އޯ" ފިޔަވަ އެހެން ގްރޫޕުތަކުގެ ލޭ ހުންނަ މީހުންގެ ހަށިގަނޑުން ކަމަށެވެ. މި ދިރާސާގައި އެ ސެންޓަރުން ވަނީ ހިތުގެ ތަފާތު ބަލިތައް ހުންނަ 13 ލައްކަ މީހުން ބައިވެރިކޮށްފައި އެވެ.

އެ ދިރާސާގައި ބުނެފައިވަނީ އޭގެ ތެރޭގައި މުޅިން ހެން ހިމެނެނީ ލޭ ގްރޫޕް "އ"” ނޫން މީހުން ކަމަށާއި ވަކި ވައްތަރެއްގެ ލޭގެ ގްރޫޕު ހުންނަ މީހުންނަކީ ވަކިވަކި ބަލިތަކެއް ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ. އެގޮތުން "އޭ" ގްރޫޕު ލޭ ހުންނަ މީހުންނަކީ ކޮލެސްޓްރޯލް މަތި މީހުންކަން އެ ދިރާސާއިން ހާމަވެފައިވެ އެވެ.

އެއާއެކު އެހެން ލޭގެ ގްރޫޕުތައް ހުންނަ މީހުންގެ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު މަތިވެ ހާޓް އެޓޭކު ޖެހުމުގެ ފުރުސަތު ބޮޑުކަމަށްވެސް ދިރާސާގައި ބުނެފައިވެ އެވެ.

މިއީ ކީއްވެގެންވާ ކަމެއްތޯ ހޯދުމަށް ސައިންސްވެރިން އަންނަނީ އިތުރު ދިރާސާތައް ކުރަމުންނެވެ.