މިއަހަރަށް އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުން 80 އިންސައްތަ ހުސްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ބަޖެޓުން 807 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިން ކުރި ހޭދައާއި އަޅައިބަލާއިރު 300 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަކުރީ 507 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް އާސަންދައަށް ކަނޑައަޅާފައިވަނީ 1.045 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އާސަންދައަށް މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ބޮޑު ހޭދައެއް ކޮށްފައިވާއިރު، މިދިޔަ އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓުވަނީ އަހަރު ދެބައި ނުވަނީސް ހުސްވެފަ އެވެ.

ކޮންމެ އަހަރަކު ވެސް، ސަރުކާރުން އާސަންދައަށް ކަނޑައަޅާ ބަޖެޓަ ށްވުރެ ގިނައިން ހަރަދުކުރެ އެވެ.

އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަކުރަން ރާއްޖެއަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ.