ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 32 އަހަރުގެ އެކްޓަރު ކަރަން އެންގޭޖްވީ ކާފަ (ދަރުމެންދްރާ) އާއި މާމަ (ޕްރަކާސް ކައުރު)ގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ. ކަރަން ކައިވެނިކުރަން އުޅޭ އަންހެން ކުއްޖާއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ކައިވެނީގެ ރަސްމިއްޔާތަށް ތައްޔާރުވަމުން އަންނައިރު ކައިވެނީގެ ހަފްލާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މީޑިއާއާ ވަރަށް ސިއްރުން ކައިވެނީގެ ހަފްލާ ބާއްވާއިރު މި ހަފްލާގައި ހަމައެކަނި ބައިވެރިވާނީ އާއިލާގެ މީހުންނާއި ގާތް އެކުވެރިން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ކަރަން ބޮލީވުޑަށް ތައާރަފްވީ 2019 ވަނަ އަހަރު ނެރުނު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. މި ފިލްމަކީ ސަނީ ޑިއޯލް ޑައިރެކްޓްކުރި ފިލްމެކެވެ. އަދި މިއީ އޭނާ ޑައިރެކްޓްކުރި ތިން ވަނަ ފިލްމު ވެސް މެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިންގެ ލޯބި ސަނީ ވަނީ ވަރަށް ބޮޑަށް ހޯދަައިފަ އެވެ.
ސަނީ ދެން ފެނިގެންދާނީ އަމީޝާ ޕަޓޭލް ވެސް ލީޑް ރޯލުން ފެނިގެންދާ "ގަދަރު 2" އިންނެވެ. މީގެ އިތުރުން ސަނީ ވަނީ އޭނާގެ ދަރިފުޅު ކަރަންއާ އެކު އިތުރު ފިލްމެއް އުފެއްދުމަށް ނިންމައިފަ އެވެ. މި ފިލްމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.