މިއަހަރުގެ ފިނި މޫސުމުގައިވެސް ރާއްޖެއަށް ދަތުރުތައް ދަތުރުފެށުމަށް އިޓަލީގެ ގައުމީ އެއާލައިން، އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއާވޭސް (އައިޓީއޭ އެއާވޭސް) އިން ނިންމައިފި އެވެ.

އައިޓީއޭ އެއާވޭސްއިން ބުނީ މިދިޔަ އަހަރުގެ ފިނި މޫސުމުގައި އެ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ޑިސެމްބަރު 16 އިން އަންނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާ ކަމަށް އެއާލައިނުން ބުނެ އެވެ.

މި ދަތުރުތައް އޮންނާނީ އިޓަލީގެ ފިއުމިސީނޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ފިނިމޫސުމާއި ދިމާކޮށް އިޓަލީއައި ރާއްޖެއާއި ދެމެދު ކުރާ މި ދަތުރުތައް ހަފްތާއަކު ދެ ދުވަހު އޮންނާނެ އެވެ. މި ދަތުރުތަކުގައި ޓިކެޓް ބުކް ކުރުމުގެ ފުރުސަތުވެސް އެ އެއާލައިނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އައިޓީއޭ އެއާވޭސްއިން މިހާރު ވެސް އަންނަނީ ދުނިޔޭގެ 12 ސަރަޙައްދަކަށް ދަތުރުކުރަމުންނެވެ.