ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ޖެހިޖެހިގެން ދެ އަހަރު ވެއްޓުމަކީ ހިތާމަހުރި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާތުގައި ނޫސްވެރިންނަށް ތަހުނިޔާ ދަންނަވާ ކުރެއްވި ޓްވީޓެއްގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިން ޖެހިޖެހިގެން ފަހަތަށް ރާއްޖެ ސޮއްސާލާކަމީ ހިތާމަ ހުރި ކަމެއްކަމަށެވެ.

އަދި ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށްވެސް ގާސިމް ވިދާޅުވި އެވެ އަދި ނޫސްވެރިންގެ މަސައްކަތަށް ދަތިކޮށް، ހުރަސް އަޅައިގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންސާނީ ކަރަމާތް ދަމަހައްޓާ، ތެދުވެރިކަމާއެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާކުރަންޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް، ދަތި ކޮށްގެން ނުވާނެ." ގާސިމް ވިދާޅުވި އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އަހަރަކު އެއްފަހަރު ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ހާލަތު ދަރަޖަކުރާ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތައް ވެއްޓިފައި ވެއެވެ.

ކޮންމެ އަހަރެއްގެވެސް މެއި 3ވަނަ ދުވަހު ފާހަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ދުވަހު ޝާއިއުކުރާ މި ރިޕޯޓުގައި ނިމިދިޔަ 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އޭގެކުރީ އަހަރު އޮތީ 72 ވަނައިގައެވެ.

ރާއްޖޭގެ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރަށް ވަނީ ހިއްސާކޮށްފަ އެވެ.