ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ކުރަމުންދާ ކަމަށެވެ.
ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ މިއަދު ހެނދުނު 6:08 ހާއިރު އެވެ.
ފެންބޮޑުވުމުގެ ސަބަބުން މަޖީދީމަގުގެ ބައެއް ހިސާބުތަކާއި އިއްޒުއްދީން މަގުގައި ފެން ހެދި، ގޭގެއަށާއި ފިހާރަތަކަށް ފެން ވަދެފައި ވާކަން ފާހަގަކުރެވެ އެވެ.
ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އައިޖީއެމް އެޗްގެ އެތެރޭގައިވެސް ވަނީ ފެންބޮޑުވެފަ އެވެ. މި ސަރަހައްދަކީ ވާރޭ ވެހޭނަމަ ކުރިން ވެސް ވަރަށް ފެންބޮޑުވާ ސަރަހައްދެކެވެ.
ރޭ މާލޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މެޓް އޮފީހުން ބުނީ، ރޭ އަށަކުން ފެށިގެން މިއަދުގެ ހެނދުނު އަށަކާ ހަމައަށް ހުޅުލެއަށް 58 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށެވެ. މީގެ އިތުރުން ސ.ހުޅުމީދޫއަށް 62.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، ސ. ގަމަށް 70.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ ބޮޑު ބަޔަކަށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. އަދި ބައެއް ރަށަތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.