ވެމްކޯ އިން ބަލަމުންދާ ޖިންސީ ފުރައްސާއިގެ މައްސަލައެއްގެ ތަހުގީގަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.

އެ ކުންފުނީގައި އޮންނަ 'ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ' އިން ބަލަމުން ދަނީ، ކުރީގެ ޖެނެރަލް މެނޭޖަރަކަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ އެކެވެ.

ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތެރެއަށް ސިރާޖު ވަންނަވައި މައްސަލަ ބަލާ ކޮމިޓީއަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ. ވަނީ ބަދަލު ގެންނަވާފަ އެވެ.

އޮފިޝަލް ވިދާޅުވީ މައްސަލަ ބަލާ ކޮމިޓީގެ ޗެއާޕާސަން މަގާމުން ވަކިކުރައްވައި އެ މަގާމަށް އެހެން މީހަކު އޭނާ ހަމަޖެއްސެވި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޖިންސީ ފުރައްސާރައިގެ އެ މައްސަލައިގައި ސިރާޖުގެ މަސްލަހަތު ހިމެނޭތީ، އެ މައްސަލައިގެ ތެރެއަށް ނުވަނުމަށް ވެމްކޯގެ ބޯޑުން ނިންމި ނަމަވެސް، އެ ނިންމުމާ ސިރާޖް ހިލާފުވެފައިވާ ކަމަށެވެ.

މުސާރަ އާއި އިނާޔަތްތަކާއެކު ސިރާޖު ސަސްޕެންޑުކޮށްފައި ވަނީ ދެ ހަފުތާގެ މުއްދަތަކަށެވެ.

ވެމްކޯގެ އެމްޑީއަކަށް ސިރާޖު އައްޔަންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ، އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގަ އެވެ.