ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދުކޯނާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ޖާސޫސީ ފިލްމެއް ހެދުމަށް ޔާޝް ރާޖް ފިލްމްސް އިން ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންހެނުންނަށް ހާއްސަކޮށްގެން ޔާޝް ރާޖް ފިލްމްސްއިން އުފައްދާ މި ޖާސޫސީ ފިލްމަށް ވަކި ނަމެއް ކިޔައިފައެއް ނުވެ އެވެ. މި ފިލްމުގެ ލީޑް ރޯލުން ކެޓްރީނާއި ދީޕިކާ ފެނިގެންދާނެ އެވެ. އަދި ވިލަންގެ ރޯލުން މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ފެނިގެންދާނެ އެވެ.
މި ފިލްމު ވެގެންދާނީ ޖާސޫސީ ފިލްމެއްގައި ދެ ބަތަލާއިން ފެނިގެންދާ ފުރަތަމަ ބޮލީވުޑް ފިލްމަކަށެވެ.
"ޕަތާން"ގެ ބޮޑު ކާމިޔާބީއަށް ފަހު ޔާޝް ރާޖް ފިލްމްސް އިން ޖާސޫސީ ފިލްމެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
މި ފިލްމުގެ ކުރިން ޔާޝް ރާޖް ފިލްމްސްއިން ޝާހްރުކް ހާނާއި ސަލްމާން ހާންގެ އާ ފިލްމު "ޕަތާން ވާސަސް ޓައިގާ" މަސައްކަތް ފަށާނެ އެވެ. ދެ ހާސް ސައްވީސް ނުވަތަ 2025 ގައި އެ ފިލްމު ނެރުމަށް ވަނީ ނިންމައިފަ އެވެ.
ޝާހްރުކާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް އުޅޭ، ސިދްހާތު އާނަންދު ޑައިރެކްޓުކޮށްފައިވާ "ޕަތާން" ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެއީ އަދިތުޔާގެ ޔުނިވާސްގެ ހަތަރު ވަނަ ފިލްމެވެ.
އެ ޔުނިވާސްގެ އެންމެ ފުރަތަމަ، 2012 ވަނަ އަހަރު ނެރުނީ ސަލްމާނާއި ކެޓްރީނާ ކައިފްގެ "އޭކް ތާ ޓައިގާ" އެވެ. އޭގެ ފަހުން، 2017 ވަނަ އަހަރު "ޓައިގާ ޒިންދާ ހެއި" ރިލީޒްކުރި އިރު، ތިން ވަނަ ފިލްމަކީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އުޅޭ، 2019 ވަނަ އަހަރު ނުކުތް "ވޯ" އެވެ.
ދެން އެންމެ އަވަހަށް އެ ޔުނިވާސްގެ ފިލްމަކަށް ނުކުންނާނީ، މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ "ޓައިގާ 3" އެވެ.