ކޮންމެ އަހަރަކުވެސް އިންޑިއާގައި އެތައް ހާސް ރޭޕް ކޭސްއެއް ރިޕޯޓުކުރެ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ކޭސްތަކަކީ ގަބޫލުކުރަން ވަރަށް ދަތި، މުޅި ދުނިޔޭގެ ސަމާލުކަމަށް އަންނަ ކަހަލަ ކޭސްތަކެވެ. މިފަހަރުވެސް އެފަދަ ކޭސް އެކެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި 86 އަހަރުގެ އަންހެނެއް ރޭޕްކުރިކަމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ދިއްލީ ކޮމިޝަން ފޯ ވިމެންގެ ވެރިިޔާ ކަމަށްވާ ސްވާތީ މަލިވާލްއާ ހަވާލާދީ ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ ހޯމަ ދުވަހުގެ ހަވީރު އެ އަންހެން މީހާ، ކިރު ހިފައިގެން އަންނަ މީހާގެ އިންތިޒާރުގައި ގޭގެ ދޮރުކައިރީ މަޑުކޮށްލައިގެން ހުއްޓާ އެވެ.
އެ އަންހެން މީހާ ގާތުގައި ފިރިހެން މީހާ ބުނެފައިވަނީ އާންމުކޮށް ކިރު ހިފައިގެން އަންނަ މީހާ މިއަދު ނާންނާނެ ކަމަށާއި އެހެން ކަމުން ކިރު ލިބޭނެ ތަނަކަށް އޭނާ ގެންގޮސްދީފާނެ ކަމަށެވެ. އެއަށްފަހު އޭނާ ވަނީ އެ އަންހެންމީހާ ގޮވައިގެން އެތަނުގެ ކައިރީގައިހުރި ގެރި ބަކަރި ގެންގުޅޭ ތަނަކަށް ގެންގޮސް ރޭޕް ކޮށްފަ އެވެ.
"އެ އަންހެން މީހާ ރޮއެ ހަޅޭލެވި. އަދި ތިމަންނަމީ ކަލޭގެ މާމަ އުމުރުގެ މީހެއް ކަމުގައި ބުނަމުން ދިޔަ. އެހެން ނަމަވެސް އޭނާ ވަނީ އެ ހުރިހާ އާދޭސްތަކަށް ބިރު ކަންފަތެއްދީ، މި ރަހުމް ކުޑަ އަމަލު ހިންގާފައި،" މަލިވާލް ވިދާޅުވި އެވެ.
އެ މީހާގެ ރުއިމާއި ހަޅޭކުގެ އަޑު އިވިފައި ވަނީ އެ އަވަށުގައި ދިރިއުޅޭ ބަޔަކަށެވެ. އެމީހުން ވަނީ މާމަ ސަލާމަތްކޮށްދީ، އެ ހުތުރު އަމަލު ހިންގި ފިރިހެން މީހާ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފަ އެވެ.
މަލިވާލް ވަނީ އަނިޔާލިބުނު އަންހެންމީހާގެ ގެއަށް ޒިޔާރަތްކޮށްފަ އެވެ. އެ މީހާގެ ހާލުފެނިފައި ހިތް ފަޅައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"އަތް އޮތީ އެއްކޮށް ރޫޖެހިފަ، މުޅި މޫނުގަ އާއި ގައިގެ އެކި ތަންތަން ރަތްވެ ފާރުހެދިފައި. އަދި ކުރިމަތި ފަރާތުން ލޭއައިކަމަށް ވެސް ބުނި. މި އަމަލު ހިންގީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް،" މަލިވާލް ބުންޏެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ފިރިހެން މީހާ ދަން ޖައްސާ މަރާލުމަށް ގޮވާލަމުންނެވެ.