ކެރަލާ ސްޓޭޓް (11 މެއި)- އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އިންޑިއާ އިން ޒުވާން އަންހެން ކުދިންތަކެއް ރެކްރޫޓްކުރި ހާދިސާއަކާ ބެހޭ ގޮތުން ތައްޔާރުކުރި އަގުހެޔޮ ފިލްމު "ދަ ކެރެލާ ސްޓޯރީ"ގެ މައްސަލަ އެ ގައުމުގައި ހޫނު ބަހުސަކަށްވެ، ބައެއް ސިޓީތަކުން އެފިލްމު މަނާކުރާ ހިސާބަށް ހިނގައްޖެ އެވެ.

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާ ސްޓޭޓަށް ކިޔާ ނަމުން ނަން ދީފައިވާ "ދަ ކެރެލާ ސްޓޯރީ" އަކީ އިންޑިއާގެ ތިން އަންހެން ކުއްޖަކު މުސްލިމުންނާ ކައިވެނިކޮށް އިސްލާމްދީނަށް ވައްދައި، އިސްލާމިކް ސްޓޭޓަށް ފޮނުވާ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި މި ފިލްމަކީ އިންޑިއާގެ މުސްލިމުންނަށް މަލާމާތްކޮށް، ޖެއްސުންކުރުމަށް އުފައްދާފައިވާ ފިލްމެކެވެ. ހަމަނުޖެހުމެއް އުފެދުނަނުދިނުމަށްޓަކައި ކަމަށް ބުނެ، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ ވަނީ އެ ސްޓޭޓުގައި އެ ފިލްމު ދެއްކުން މަނާކޮށްފަ އެވެ.

ކެރެލާ ސްޓޭޓުން ވެސް ވަނީ ފިލްމު ދެއްކުން މަނާކުރުމަށް އެ ސްޓޭޓުގެ ކޯޓުގައި މައްސަލަ ޖައްސައިފަ އެވެ. އަދި ކެރެލާ ސްޓޭޓުން މައްސަލަ ޖެއްސީ އެ ސްޓޭޓުގެ ނަން ބޭނުންކޮށްގެން ފިލްމު ކުޅުމުގެ ސަބަބުން އެ ސްޓޭޓުގެ އަގު ވެއްޓުން އެކަށީގެންވާ ކަމަށް ބުނެ އެވެ. އެކަމަކު ކެރެލާގެ ހައި ކޯޓުން ފިލްމު ދެއްކުން މަނާކުރާނެ އަމުރެއް ނެރެނުދިނެވެ.

އިންޑިއާގެ މުސްލިމުންނާ މެދު އިހާނެތިވާ ގޮތަށް ފިލްމު ކުޅެފައި އޮތްކަމަށް ތުހުމަތު ކުރިޔަސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފިލްމަށް ތައުރީފު ކުރައްވައިފަ އެވެ.

މޯދީ ވިދާޅުވީ އެ ފިލްމުން އިންޑިއާގެ ޓެރަރިޒަމް ހާލަތު ރީތިކޮށް ސިފަކޮށްދޭ ކަމަށެވެ.

ހިންދީ ވަތަނީ ޕާޓީ، ބަހާރަތިޔާ ޖަނަތާ ޕާޓީން ވެރިކަންކުރާ ދެ ސްޓޭޓް، މަދިޔަ ޕްރްދޭޝާއި އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ވަނީ މި ފިލްމު ގަދަޔަށް ހިންގުމަށްޓަކައި ފިލްމުގެ ވިޔަފާރިން ޓެކްސް މައާފުކޮށްފަ އެވެ. އަދި ޚިޔާލު ތަފާތުވެ، މައްސަލަ ބޮޑުވެފައި ވިޔަސް ހީވެސް ނުކުރާހާ "ދަ ކެރެލާ ސްޓޭޓް"ގެ ވިޔަފާރި ރަނގަޅެވެ. ބޮޑެތި ހިންދީ ފިލްމުތަކަށް ބޮކްސް އޮފީހުގައި ހިފަހައްޓާލަން އުނދަގޫވެފައިވާ ދަނޑިވަޅެއްގައި ކުޑަ ބަޖެޓަކުން ހެދި ކެރެލާ ސްޓޭޓް ވެފައި ވަނީ ބޮކްސް އޮފީސްގެ ހިޓަކަށެވެ. މިހާރުގެ ވިޔަފާރި އޮތް ރޭޓުން ބަލާއިރު ވެސް އެ ފިލްމު އުޅެނީ ވިޔަފާރީގެ ނިސްބަތުން 10 ވަނައިގަ އެވެ.