ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންގެ ހިޔާލުހޯދުމަށް ކޮމިޝަނާ އޮފް ޕޮލިސް އާއި ފުލުހުންގެ ސީނިއާ އޮފިސަރުން ބ. އޭދަފުށި އަދި މާޅޮހު ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވައިފި އެވެ.

އިއްޔެ ހަވީރު އޭދަފުށި އަދި މާޅޮހުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުންގެ ހިދުމަތަށް 90 އަހަރުގެ ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ރަސްމީ ޑިނާ ނައިޓުގައި ބައިވެރިވެލެއްވުމަށް މާލެއިން އޭދަފުއްޓަށް ވަޑައިގެންނެވި ފުލުހުންގެ އޮފިސަރުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

"ވޯކް އެންޑް ޓޯލްކް"ގެ ނަމުގައި އޭދަފުށި އަދި މާޅޮހުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން އޭދަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ ސީނިއަރު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުން ބައިވެރިވި އެވެ. އަދި މާޅޮހުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުން ބައިވެރިވި އެވެ.

ޑެޕިއުޓީ ސީޕީ މާޅޮހުގެ ކުޑަކުދިންނާއި ބައްދަލުކުރައްވަނީ

އެ ދެރަށުގައި އެއް ވަގުތެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސީޕީ މުހައްމަދު ހަމީދު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ވަނީ އެ ދެރަށުގެ މަގުތަކަށް ނުކުމެ، ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާ ރައްޔިތުން ގުޅިގެން އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެ އެވެ. އަދި ފުލުހުންގެ ހިދުމަތާމެދު ރައްޔިތުންދެކޭ ގޮތް އޮޅުންފިލުވައި ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ތަފާތު އެކި ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުމަށް މައުލޫމާތު ދީފައިވެ އެވެ.

އޭގެ އިތުރުން، މަގުމަތިން ބައްދަލުވި ކުޑަކުދިންނާ ވާހަކަދައްކާލައި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ކިޔައި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައިވެ އެވެ.