ފަހަކަށް އައިސް ނިދުމަކީ ވަރަށްގިނަ މީހުން ފަރުވާކުޑަކުރާ ކަމެކެވެ. ސިއްޙީގޮތުން ރަނގަޅު ނިދުމެއް ލިބެނީ ވަރަށް މަދު ބަޔަކަށެވެ. އެކަމުން ލިބޭ ފައިދާތަކަށް ވިސްނައގެން އެ ފައިދާތައް ހޯދުމަށް ނިދާ މީހުން ވަރަށް ވަރަށް މަދެވެ.

ކޮންމެ ރެއަކު އެއްގަޑިއެއްގައި ނިދަން އޮށޯތުމަކީ ކުޑަކުދިން ކުރަންޖެހޭ ކަމެއްްކަމަށް ގިނަ ފަހަރަށް އޮންނަނީ ވިސްނިފަ އެވެ. ނަމަވެސް މިކަމަކީ ހުރިހާ އުމުރަކަށް އޮތްކަމެކެވެ.

ވަކި ގަޑިއަކަށް ނިދަން އާދަކުރުމުގެ ސަބަބުން ނިދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދެ އެވެ. ނިދުމަކީ ސިކުނޑިއަށް ލިބޭ އަރާމަކަށްވާއިރު ވަކި ތާވަލެއްގެ ދަށުން އެކަން ކުރުން މުހިއްމެވެ.

އުމުރުގެ ގޮތުން ވެސް ނިދުމަށް ތަފާތުތަކެއް ގެންނަން ޖެހެއެވެ. އެގޮތުން ފުރާވަރުގެ ކުދިން މަދުވެގެން 9 ނުވަތަ 10 ގަޑިއިރަށް ނިދަން ޖެހެ އެވެ. އަދި ޒުވާނުން 7 ނުވަތަ 8 ގަޑި އިރު ނިދަން ޖެހެ އެވެ. މިގޮތަށް ނިދުމުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކާއި ސިކުނޑިއަށް އަންނަ ލޮޑުކަން ކުޑަވެގެންދެ އެވެ.

ހަމަ ނިދި ނުހޯދާ މީހުންގެ ދިރިއުޅުން އުފާވެރި ނުވާކަން ވެސް ބައެއް ހޯދުންތަކުން އެނގިފައިވެ އެވެ. އެގޮތުން ރަނގަޅު ނިދި ނުލިބޭނަމަ މީހާގެ މޫޑް ބަދަލުވެ އަވަހަށް ރުޅިއާދެވެ އެވެ. އޭގެ ސަބަބުން ލޭމައްޗަށް ދިއުން ފަދަ ބަލިތައް ޖެހުން ގާތެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހަފްތާގެ ރަސްމީ ދުވަސްތަކުގައި ގިނަ މީހުން ނިދުމަށް ވަކި ތާވަލެއް ހަދައިގެން ނިދަ އެވެ. ނަމަވެސް ހަފްތާ ބަންދާއި ރަސްމީ ބަންދުތަކުގައި ނިދާ ވަގުތު ލަސްކުރުމާއި، ހޭލާ ވަގުތު ލަސްކުރުން އާއްމުކަމަށް ފާހަގަ ކުރެވެ އެވެ.

މިގޮތަށް ކަންތައްކުރުމުންވެސް ނިދުމަށް އޭގެ އަސަރު ކުރެ އެވެ. ގިނަ ދުވަހު އެއްތާވަލަކަށް ނިދާފައި ކުއްލިއަކަށް ނިދާ ވަގުތަށް ބަދަލުތައް ގެނައުމުން ސިކުނޑިއާއި ހަށިގަނޑުގެ ގުނަވަންތަކަށް އޭގެ އަސަރުކުރެ އެވެ.

މިހުރިހާ ކަމަކުން އެނގިގެންދަނީ ނިދިން ލިބޭ ފައިދާ ލިބޭނީ ނިދުމަށް އެކަށީގެންވާ ގޮތެއްގައި ވަކި ހަމަތަކެއްގެ މަތިން ނިދުމުން ކަމެވެ.