ނިދަން އެނދުގައި އޮށޯތުމަށްފަހު ވެސް ނުނިދި އެތައް އިރަކު އޮންނަން ޖެހެ އެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ނިދީގެ ކަންފުޅެއް ވެސް ނެތި އެތައް އިރެއް ހޭދަވެ އެވެ.

މިއީ ތިބާގެ ރޭތައް ހޭދަވާ ގޮތް ނަމަ އޮތް އުފާވެރި ހަބަރަކީ އެކަމަށް ވަރަށް ފަސޭހަ ހައްލުތަކެއް އޮތް ކަމެވެ. އަމިއްލައަށް ގެންގުޅެވޭ ބައެއް އުކުޅުތަކުން ނިދަން އޮށޯންނަތާ މާ ގިނައިރެއް ނުވެ ނިދޭ ކަމެވެ.

އަވަހަށް ނިދުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ ތިބާގެ ސިކުނޑި ވިސްނުމާއި ހާސްކަމުން ދުރު ކުރުމެވެ. މިކަމަށްޓަކައި ކުރެވޭނެ ކަމަކީ ނިދަން އޮށޯތުމުގެ ކުރިން ވިސްނުމާއި ހާސްކަން ފިލުވާލުމެވެ.

އެގޮތުން ނިދުމުގެ ކުރީގެ ވަގުތެއް ކުރިއަށް ދުވަހުގެ ކަންކަމާ މެދު ވިސްނައި އަދި ހާސްވާ ކަންކަމާ މެދު ވިސްނަން ކަނޑައަޅާށެވެ. މިގޮތުގެ މަތިން ނިދާ ގަޑީގައި ހާސްކަމާއި ވިސްނުން ތަކުން ދުރުވެވެ އެވެ.

ނިދުމުގެ ކުރިން ދެން ކުރަންޖެހޭ ކަމަކީ ހަށިގަނޑުގެ މަސްތައް ހަމަޖައްސާލުމެވެ. މިކަމަށްޓަކައި އެންމެ މޮޅު ގޮތަކީ "ވާމް އަޕް" ކަސްރަތުތަކެއް ކޮށްލުމެވެ. އަތްފައި ދަމާލާ ހަށިގަނޑުގެ މަސްތައް ވާން ކޮށްލުމެވެ.

ދެން އޮތް ކަމަކީ ތިބާގެ ސިކުނޑި ރަނގަޅު ނުވަތަ "ޕޮޒިޓިވް" ހިޔާލުތަކުން ފުރާލުމެވެ. މަޑުމައިތިރި އަމާން މާހައުލެއްގައި ތިބާ އޮންނަ ކަމަށް ހިތާހިތުން ވިސްނާށެވެ. މާ ލަހެއް ނުވެ ލޮލަށް ނިދި ޖެހިދާނެ އެވެ.

ނިދަން އޮށޯތުމަށްފަހު ނޭވާލުން ގެންގުޅެވޭ ގޮތަކީ ވެސް ނިންޖަށް އަސަރުކުރާ ކަމެއް ކަމުގައި ސައިންސްވެރިން ބުނެ އެވެ. އެގޮތުން ލަސްލަހުން ފުން ނޭވާ ލުމަކީ އަވަހަށް ނިދަން އެހީވާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

މިގޮތްގޮތުގެ މަތިން އެނދުގައި ނުނިދި ފުރޮޅެން އޮންނަން ޖެހޭ ވަގުތު މަދުވެ އަވަހަށް ނިދުމަށް އެހީވެދޭނެ އެވެ.