އޮލިމްޕަހުގައި މިހާރު ދައްކަމު އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ" ބަލަން ބޮލީވުޑްގެ އެކްޓަރު އަފްތާބް ޝިވަސްދާނީ ރާއްޖެ އަތުވެއްޖެ އެވެ.

އަފްތާބް ރާއްޖެ އައިސްފައިވަނީ "ލޯބިވެވިއްޖެ"ގެ ޓީމުން ދިން ދައުވަތަކަށެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކީ މިފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަންގެ އިތުރުން ޕްރޮޑިއުސަރު އަލީ ޝާނީޒާއި ޕްރޮޑިއުސަރު އައިމިނަތު ޝަނާޒް އެވެ. އޮލިމްޕަހުގެ މިރޭ އަފްތާބް "ލޯބިވެވިއްޖެ" ބަލާނެ އެވެ.

މިހާރުވެސް އޮލިމްޕަހުގައި ކާމިޔާބް ޝޯތަކެއް ދައްކަމުނެވެ.

މިހާރު ވަރަށް މަދުމަދުން ފިލްމުތަކުން ފެންނަ އެކްޓަރު އަފްތާބް ދިވެހި އޯޑިއެންސާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް 'ލޯބިވެވިއްޖެ' ޓީމްގެ ފަރާތުން ބުނެފައިވެ އެވެ.

https://www.facebook.com/LoabiVevijje/posts/581406017306315

"ހަންގާމާ" އާއި "ކަސޫރު" އާއި "މަސްތު" އާއި "މަސްތީ" އަދި "ކިޔާ ކޫލް ހެ ހަމް" ފަދަ ފިލްމުތައް ކުޅުނު އަފްތާބް، 44، އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2019 ގެ "ސެޓާސް" އެވެ.

ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީން ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާގަ އެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ އަލީ ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެ އެވެ.