ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލްގެ ދަރިންވެސް ފިލްމު ކުޅެން ބޭނުންވާ ކަމަށް އޭނާ ހާމަކޮށްފި އެވެ.

ބޮބީ ޑިއޯލްގެ ދެ ކުދިން ތިބެ އެވެ. އެއީ އުމުރުން 21 އަހަރުގެ އަރިއަމަން ޑިއޯލް އާއި 18 އަހަރުގެ ދަރަމް ޑިއޯލް އެވެ.

54 އަހަރު އެކްޓަރު ބޮބީ މީޑިއާއަށް ދިން އިއްޓަވިއުއްގައި ބުނެފައިވަނީ އޭނާގެ ދެ ކުދިންވެސް ފިލްމު ކުޅެއް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެކުދިން ބޭނުންވަނީ އާދައިގެ ދިރިއުޅުމެއް ކަމަށެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވި ނަމަވެސް ބޮބީގެ ދަރިން ތިބީ މީޑިއާ އާއި ދުރުގަ އެވެ. ބޮބީގެ ދަރިންގެ ވާހަކަ މީޑިއާގައި އެހާ ބޮޑަށް ދެކެވިފައިނުވެ އެވެ.

ހިންދުސްތާން ޓައިމްސްއާ ވާހަކަ ދައްކަމުން ބޮބީ ބުނީ އޭނާގެ ދަރިންނާ މެދުގައި ފަހުރުވެރިވާ ކަމަށެވެ.

ދަރުމެންދުރާގެ އާއިލާ އިން އެންމެ ފަހުން ބޮލީވުޑަށް ނިކުތީ ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް އެވެ.

ބޮބީގެ ކުރިއަށް އޮތް ފިލްމަކީ "އެނިމަލް" އެވެ. ޓީ ސީރީޒްގެ ޕްރޮޑަކްޝަނުގެ ދަށުން ނިކުންނަ "އެނިމަލް" ޑައިރެކްޓްކުރަނީ "ކަބީރް ސިންގް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އެވެ. މިފިލްމުގައި ބޮބީގެ އިތުރުން ރަންބީރް ކަޕޫރާއި އަނިލް ކަޕޫރާއި ޕަރީނީތީ ޗޯޕްރާ އަދި ރަޝްމިކާ ވެސް ފެންނާނެ އެވެ.

މި ފިލްމު ސިނަމާތަކަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.