ގއ. ވިލިނގިލީގައި ޒުވާނުން މަރުކަޒުގައި ކުރީ ސަރުކާރުން ހެދި ފުޓްސަލް ދަނޑުގެ މެޓްތަކުގައި ރޯކޮށްލިޔަސް ދަނޑުގައި ޓާފް ނޭޅޭނެ ކަމަށް ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވިލިގިނލީގައި ބޮޑު ދަނޑެއް އެޅުމަށް ނިންމާފައިވާތީ، ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ތަކުރާރުކޮށް ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އެހެން ރަށްރަށަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި ބޮޑު ދަނޑުގެ މަސައްކަތް ލަސްވެފައިވަނީ ކޮވިޑް ގެ ސަބަބުންނާއި ސަބް ބޭސް ރަނގަޅު ކުރަން ޖެހުމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިގިނލީ ދަނޑުގައި ޓާފް އަޅައިދިނުމަށް ބުނެފައިވާ މުއްދަތު ފަހަނައަޅާ ހިނގައްޖެ ކަމަށް ބުނެ އެރަށު ދަނޑުގައި އަޅާފައިވާ މެޓް ތަކުގައި ރޯކޮށްލީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.

އެކަމާ ގުޅިގެން ވިލިނގިލީ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަފާ ވިދާޅުވެފައިވަނީ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެރަށަށް ކުރެއްވި ޒިޔާރަތުގައި ޒުވާނުންނާ ބައްދަލުކޮށް، ޒުވާނުން އެދުނު ކަންތައްތަކުގެ ތެރޭގައި ދަނޑު ޓާފަށް ބަދަލު ކުރުން ހިމެނޭ އިރު، އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

އޭގެ ފަހުން އަހަރެއް ފާއިތުވީ އިރުވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށް މުސްތަފާ ވިދާޅުވެފައިވެ އެވެ. އަދި ޓާފް އެޅުމަށް އެގްރިމެންޓެއްގައި ސޮއި ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވެފައި ވަނީ ޓާފް ނޭޅޭނެކަން ތަކުރާރުކޮށް ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

"ބޮޑު ދަނޑު އަޅާތީ، ޓާފް މިވަގުތަށް ނޭޅޭނެކަން ތަކުރާކޮށް ވަނީ ދަންނަވާފައި. އޭދަފުށި އަދި އެހެން ބައެއް ރަށްތަކުގައި ވެސް އެކަން ނުކުރަނީ ބޮޑު ދަނޑެއް އޮވެ. ރާއްޖޭގައި އެ ފުރުސަތު ލިބިފައި ނެތް ރަށްރަށަށް އިސްކަން ދީގެން މަސައްކަތް ތަރުތީބު ކުރެވޭތޯ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ދަނޑުގައި ރޯކޮށްލުމަކީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކުރި ނަމަވެސް ވަރަށް ޒިންމާދާރުކަން ކުޑަ އަދި ނާތަހުޒީބު އަމަލެއް ކަމުގައި މަހްލޫފް ވިދާޅުވި އެވެ.