ކޮރަޕްޝަނުގެ ހާއްޔަކަށް މުޅި ދައުލަތް ގަންބާލި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށް އެތައް މެމްބަރަކު ނިކުމެފައިވާ ކަމަށާއި ގައުމާއި ޕާޓީގެ މަސްލަތަހު ވެސް ރައީސް ސޯލިހަށް ނުހިފެހެއްޓުނު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު އެމްޑީޕީން މިއަދު ވަކިވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހަށް ގައުމާއި ޕާޓީގެ މަސްލަހަތު ވެސް ނުހިފެހެއްޓުނު ކަމަށެވެ. އަދި މިއަދު ކޮރަޕްޝަނުގެ ހާއްޔަކަށް މުޅި ދައުލަތް ގަންބާލި ރައީސް ސޯލިހު ދޫކޮށް އެތައް މެމްބަރުން ޕާޓީން ވަކިވެފައިވާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވި ރިޔާސީ އިންތިހާބު ބާއްވަން ކުރީގެ ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ކަމަށެވެ.

ރައީސް، ނަޝީދާއެކު މަސައްކަތް ކުރައްވާ އެމަނިކުފާނު ފެކްޝަނުގެ 12 މެމްބަރުންގެ އިތުރުން އެމްޑީޕީން މިއަދު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ހިމެނެ އެވެ. މި ނިންމުން ނިންމީ، ފިކުރެއްގެ ދިރުމުގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމުންނެވެ.