އިޓަލީގެ އެމީލިއާ- ރޮމަގްނާ ސަރަހައްދަށް އައި ތޫފާނެއްގެ ސަބަބުން ފެންބޮޑުވެ، އެތައް ބަޔަކު މަރުވެއްޖެ އެވެ.

ގާތްގަނޑަކަށް އެ ސަރަހައްދުގެ ހުރިހާ ކޯރުތަކެއް ފުރިގެން ބަންޑުންވެފައިވާއިރު، މަގުތަކާއި ގެދޮރުތައް ވެސް ވަނީ ފެނުގެ އަޑީގަ އެވެ. ފެން ބޮޑުވި ސަރަހައްދުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްކަށް އިއްޔެގެ ނިޔަލަށް 14 މީހުންގެ ހަށިގަނޑު ވަނީ ފެނުތެރެއިން ހޯދައިފަ އެވެ.

ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއެކު ރޮމަގްނާ ސަރަހައްދު ވަނީ އިމަޖެންސީ ހާލަތުގަ އެވެ. އެ ސަރަހައްދުގައި ބާއްވަން ހަމަޖެހިފައި އޮތް ފޯމިއުލާ ވަންގެ ރޭސް ވެސް މި ތޫފާނުގެ ސަބަބުން ކެންސަލްވެފައިވާއިރު، ޓޫރިސްޓުން އެ ހިސާބަށް ދަތުރު ނުކުރުމަށް ގައުމުތަކުން ދަނީ ޓްރެވަލް އެޑްވައިޒަރީ ވެސް ނެރެމުންނެވެ.

މިދިޔަ ހަފުތާ ފެށުނު ހިސާބުގައި ނޯތު އެފްރިކާގެ އައްސޭރީގައި އުފެދުނު ކޮޅިގަނޑެއްގެ އަސަރު އިޓަލީއަށް ކޮށް، ހޯމަ ދުވަހު ބުދަ ދުވަހުގެ ނިޔަލަށް އާދަޔާ ޚިލާފު ބޯކޮށް ވަނީ ވާރޭވެހިފަ އެވެ. ޚާއްސަކޮށް ރޮމަގްނާ ސަރަހައްދަށް ތިން ދުވަހުގެ ތެރޭގައި އެވްރެޖް 200 މިމިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ. މިއީ އެ ސަރަހައްދަށް އާންމުކޮށް ހަ މަސް ދުވަހުން ވާރޭ ވެހޭ އެވްރެޖް މިންވަރެވެ.

ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު އެތައް ހާހަކަށް އަރާފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 20 މިލިއަން ޔޫރޯއަށް ވުރެ މައްޗަށް އަރަ އެވެ.

މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި އިޓަލީއަށް މި އަންނަމުންދާ ތޫފާނަކީ ދުނިޔެ ހޫނުވުމާއެކު މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ހިނގަމުންދާ ކާރިސާތަކުގެ ބައެކެވެ.