ކެއުމަށްފަހު ވަގުތުން އިށީނދެގެން އިނުން ނުވަތަ އޮށޯތުމަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުންގެ އާދަ އެކެވެ. ނަމަވެސް، މަޝްހޫރު ނިއުރޯލޮޖިސްޓް ޑރ. ސުދީރު ކުމާރު އިންޒާރު ދެއްވާ ގޮތުގައި، ކެއުމަށްފަހު އެއްވެސް ހަރަކާތެއް ނުކޮށް އޮތުމަކީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އާދަޔާ ހިލާފަށް މަތިވާ ސަބަބެކެވެ.
ގިނަ މީހުން ކެއުމަށްފަހު ވަގުތުން ސޯފާގައި އިށީނުން ނުވަތަ އޮށޯތުމުގެ ސަބަބުން، ހަށިގަނޑަށް އެތެރެވި ކާބޯހައިޑްރޭޓްސް އަވަހަށް ގުލްކޯޒަށް ބަދަލުވެ، ލޭގެ ތެރޭގައި ހަކުރު މިންވަރު ކުއްލިއަކަށް މަތި ވެގެންދެ އެވެ.
މިގޮތަށް ދިގު މުއްދަތަކަށް ލޭގައި ހަކުރުގެ މިންވަރު މަތިކޮށް ހުރުމަކީ ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އޭގެ އިތުރުން ހަށިގަނޑުގެ އިންސިއުލިން ރެސިސްޓެންސް އިތުރުވެ، ހިތުގެ ބަލިތަކާއި ނާރުގެ މައްސަލަތަކަށް ވެސް މަގުފަހިވެ އެވެ.
ޑރ. ސުދީރު ކުމާރު އިރުޝާދު ދެއްވާ ގޮތުގައި، މި މައްސަލައަށް އޮތް އެންމެ ފަސޭހަ އަދި ފަރުވާތެރި ހައްލަކީ ކެއުމަށްފަހު 10 މިނެޓު ވަންދެން މަޑުމަޑުން ހިނގާލުމެވެ.
"ކެއުމަށްފަހު މަޑުމަޑުން 10 މިނެޓު ހިނގާލުމުން، މަސްތަކުން ލޭގައި ހުންނަ ގުލްކޯޒް ބޭނުން ކުރަން ފަށާ. މީގެ ސަބަބުން އިތުރު އިންސިއުލިން އުފައްދަން ނުޖެހި، ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވިޔަ ނުދީ ހިފަހައްޓައިދޭ" އޭނާ ވިދާޅުވި އެވެ.
ކެއުމަށްފަހު ހިނގުމުން ކާނާ ހެޔޮވަރަށް ހަޖަމު ވުމަށް އެހީތެރިވެދީ، ބަނޑު ފުއްޕުމާއި އެސިޑިޓީގެ މައްސަލަތަކުން ރައްކާތެރި ކޮށްދެ އެވެ.
މީގެ އިތުރުން ކެއުމަށްފަހު ހަރަކާތްތެރިވުމަކީ ކެލޮރީ އެންދުމަށް އެހީވެދީ ބަރުދަން މަތިނުވެ ހިފަހައްޓައިދޭ ކަމެކެވެ. އަދި ލޭ ދައުރުވުން ރަނގަޅު ކޮށްދީ، ހިތުގެ ދުޅަހެޔޮކަން ވެސް އިތުރު ކޮށްދެއެވެ.
އެހެންކަމުން، ކޮންމެ ކެއުމަކަށްފަހު (ހާއްސަކޮށް މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުމަށްފަހު) ވަގުތުން އޮށޯތުމުގެ ބަދަލުގައި، 10 މިނެޓުގެ ކުރު ހިނގުމެއް ދިރިއުޅުމުގެ އާދައަކަށް ހެދުމަކީ ސިއްހަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
ވެޓްމާކެޓް ތަރައްގީކުރަން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރަނީ