ޑިޕްރެޝަންއަކީ އަހަރުމެންނަށް ތަސައްވަރު ކުރެވޭ ވަރަށްވުރެ އަވަހަށް ފެތުރެމުން އަންނަ ބަލިމަޑު ކަމެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރު ކުރުވާ މި ބަލިމަޑުކަމާ ހަނގުރާމަކުރާ އެތައް ހާސް ބަޔަކު ދުނިޔޭގައި އުޅެ އެވެ.
އެގޮތުން އެމެރިކާގެ ކޮންމެ ހަ މީހަކުން އެކަކަކީ ޑިޕްރެޝަންއާ ހަނގުރާމަކުރާ މީހެއް ކަމަށް މިފަހުން އެގައުމުގައި ކުރި ދިރާސާއަކުން މިވަނީ ހާމަވެފަ އެވެ.
މި ދިރާސާގައި ބުނެފައިވަނީ އެމެރިކާގެ އާބާދީގެ 18 ޕަސެންޓް ބޮޑު މީހުންނަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހުން ކަމަށެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 7 ޕަސެންޓްގެ އިތުރު ވުމެކެވެ.
އެއާއެކު ކޮންމެ 10 މީހުން ތިން މީހުންނަކީ ހަޔާތުގެ ކޮންމެެވެސް ހިސާބެއްގައި ޑިޕްރެޝަންއަށް ސިއްހީ ގޮތުން ފަރުވާ ހޯދާފައިވާ މީހުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
ޑިޕްރެޝަންގެ ތަފާސް ހިސާބުތައް ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވާކަން މި ދިރާސާއިން ހާމަވިއިރު މިކަމުގެ ފަހަތުގައި ކޮވިޑް 19 ޕެންޑަމިކް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
އެގޮތުން ކޮވިޑް 19ގެ ސަބަބުން ވަޒީފާ ގެއްލި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް އައިސްފައިވާ މީހުން އެގައުމުގައި ގިނަކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
އެހެން ނަމަވެސް މިފަހުގެ އަހަރުތަކުގެ ތެރޭގައި ޑިޕްރެޝަންއާއި ނަފްސާނީ ސިއްހަތާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުވެފައވާ ކަމަށް ދިރާސާގައި ބައިވެރިވި މާހިރުން ވިދާޅުވި އެވެ.