ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދު، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ބަދަލުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް ޝާހިދު ހަމަޖެއްސިކަން ހާމަކޮށްފައި ވަނީ އެ ކުންފުނިން ސޯޝަލް މީޑިއާ ޕޭޖުގައި އާންމުކުރި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މީގެ ކުރިން ފެނަކައިގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑުގެ މަގާމު ވެސް ފުރުއްވި ޝާހިދު އާރުއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ޑިސެމްބަރު 31، 2023އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އޭނާ ރާއްޖޭގެ ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އާރުއޭސީއެލް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެއްކޮށްލަން ނިންމައިފައެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ނިންމައިފައިނުވެ އެވެ.

އާރުއޭސީއެލްގެ އެމްޑީ ކަމަށް 2023 ވަނަ އަހަރު އައްޔަންކުރި އަހުމަދު މުބީން ވަނީ މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ކުންފުނި މިހާރު ވަނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފަ އެވެ.